އަލްފާޟިލް އަޙްމަދު ޢަބްދުﷲ
ހުޅުމާލެ. ފްލެޓް ނަންބަރު 07-3-1

އަޙްމަދު ޢަބްދުﷲ، ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 3 ފެބުރުވަރީ 1980ގައި، ލޭންޑް ރަޖިސްޓްރޭޝަންސް ޑިވިޜަންގެ މައްސާޙުގެ މަގާމުންނެވެ. އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކަކީ، މާލޭގެ ގޯތިގޯތީގެ އިން ވަކިކުރުމާއި، ގޯތިގޯތީގެ ޗާޓު ކުރެއްސެވުމުގެ މަސައްކަތެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރެއްވީ، ހަނިމާދޫގައި އެއަރޕޯޓެއް ޤާއިމުކުރުމަށް ސަރވޭ ކުރެއްވުމުގެ މަސައްކަތާއި، މުޅި މާލޭގެ އެކިއެކި ގޯތިތައް ވަކިން އެނގޭނޭ ގޮތުގެ ޗާޓެއް ކުރެހުމުގައި އެހެނިހެން މައްސާޙުންނާ އެކުގައި ކުރެވުނު މަސައްކަތެވެ.

މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށްޓަކައި 12 ޖޫން 1982 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ދައުލަތުގެ ޚިދުމަތާ އަލުން ގުޅިވަޑައިގަތީ، 15 ޖުލައި 1985 ގައެވެ. އޭރު އަދާކުރެއްވީ، އެސް.ޓީ.އޯ.ގެ އައި.ޑީ.އޭ. ސެކަންޑް ފިޝަރީޒް ޕްރޮޖެކްޓްސްގެ މެއިންޓެނަންސް ކޯޑިނޭޓަރު ކަމުގެ މަގާމެވެ. އަޙްމަދު ޢަބްދުﷲ ފުރުއްވި މަގާމުތަކުގެ ތެރޭގައި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެއިންޓެނަންސް އިންޖިނިއަރ ކަމާއި، ޓެކްނިކަލް ސުޕަވައިޒަރުކަން ހިމެނެއެވެ. އޭގެފަހުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖަރ، އިންޖިނިއަރިންގ ކަމާއި، މެނޭޖަރ، ޕްރޮކިއުމަންޓް ކަމާއި، ޓެކްނިކަލް މެނޭޖަރުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަޙްމަދު އަބްދުﷲ މިހާރު ހުންނެވީ، މިފްކޯގެ އިންޖިނިއަރިންގ ކޮންސަލްޓަންޓުގެ މަގާމުގައެވެ.

އަޙްމަދު ޢަބްދުﷲ ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ މިފްކޯގައެވެ. އަޙްމަދު ޢަބްދުﷲ އަކީ ކުންފުނީގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކު އިސްނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިފްކޯގެ ޚާއްޞަ މަސައްކަތްތައް ސީދާ އަޙްމަދު ޢަބްދުﷲގެ ބެއްލެވުމުގެ ދަށުންވެސް ކުރައްވައިފައި ވެއެވެ. ޚާއްޞަކޮށް، ފެލިވަރުގެ ކާރުޚާނާގައި ބޭނުންކުރާ މެޝިނަރީޒަށް އެންމެ އަހުލުވެރި އެއް ބޭފުޅަކީ އަޙްމަދު ޢަބްދުﷲ އެވެ. ފެލިވަރުގެ މަސްކާރުޚާނާގައި ބޭނުންކުރާ މެޝިންތަކަށް ދިމާވާ މައްސަލަތައް ބައްލަވައި، އެކަންކަން ޙައްލު ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް އަޙްމަދު ޢަބްދުﷲ ކުރައްވައިފައި ވެއެވެ. އަދި ހަމަ އެއާއެކު، ކުންފުނިން ކުރާ ޓެކްނިކަލް އަދި އިންޖިނިއަރިންގއާ ގުޅޭ މަސައްކަތްތަކުގެ ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމުގައި، އަޙްމަދު ޢަބްދުﷲގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބެމުން ދެއެވެ.

ފެލިވަރު އަދި ކަނޑުއޮތްގިރީގެ ޕްރޮޑަކްޝަން ފެސިލިޓީޒް ތަރައްޤީ ކުރުމަށް މިހާރު ކުރަމުންގެންދާ ޢަމަލީ މަސައްކަތް ވަރަށް ގާތުން އަޙްމަދު ޢަބްދުﷲ ބައްލަވަމުން ގެންދަވައެވެ. އަދި ހަމަ އެހެންމެ، ފެލިވަރުގެ ކޭނަރީއާއި، ކަނޑުއޮތްގިރީގެ ފެކްޓްރީއަށް ބޭނުންވާ މަރާމާތުގެ މަސައްކަތް ޕްލޭން ކުރައްވައި، ޝެޑިއުލް ކުރައްވައި، މެނޭޖްމަންޓަށް ބޭނުންވާ މަޢުލޫމާތުތައް ހިއްސާ ކުރައްވައިފައި ވެއެވެ. ސެންޓަރުތަކުގައި ފެނާއި ކަރަންޓް ފޯރުކޮށްދޭ ނިޒާމާބެހޭ ކަންކަންވެސް ބައްލަވައި، އައި.އެސް.އޯ. ސްޓޭންޑަޑަށް އެ ތަންތަން ގެންދެވުމުގައި އަޙްމަދު ޢަބްދުﷲގެ ހިއްސާ ވަރަށްބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ކުންފުނީގެ ކަންކަން އިތުރަށް ތަރައްޤީ ކުރެއްވުމަށްޓަކައި ކުރަންހުރި ކަންކަމާބެހޭ މަޢުލޫމާތު، މެނޭޖްމަންޓާ ހިއްސާ ކުރައްވައިގެން، ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ވީހާވެސް ރަނގަޅަކަށް ދެއްވުމުގައި އަޙްމަދު ޢަބްދުﷲ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.