އަލްފާޟިލް އަޙްމަދު ޢަބްދުއްރަޙްމާން
ހުދުއަސުރުމާގެ ޅ. ނައިފަރު

އަޙްމަދު ޢަބްދުއްރަޙްމާން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައި 7 މާރިޗު 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެކިއެކި ވަޒީފާތައް އަޙްމަދު ޢަބްދުއްރަޙްމާން އަދާކުރައްވައިފައި ވެއެވެ. އެގޮތުން، ކްލީނިންގ އެންޑް ޕެކިންގގެ ރިޓޯރޓް އޮޕަރޭޓަރ ކަމާއި، ކޭނަރީ މެއިންޓެނަންސް ޔުނިޓުގެ ސްކިލްޑް ވާރކަރ ގްރޭޑް 2 ކަމާއި، ސްކިލްޑް ޓެކްނީޝަން ގްރޭޑް 1 ކަމާއި، ޖޫނިއަރ މެކޭނިކް ގްރޭޑް 1 ކަމާއި، ޖޫނިއަރ މެކޭނިކް ގްރޭޑް 3 ކަމާއި، ޖޫނިއަރ މެކޭނިކް ގްރޭޑް 4ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަޙްމަދު ޢަބްދުއްރަޙްމާން މިހާރު ހުންނެވީ، ކޭނަރީ މެއިންޓެނަންސް ޔުނިޓުގެ ސީނިއަރ މެކޭނިކްގެ މަގާމުގައެވެ.

އަޙްމަދު ޢަބްދުއްރަޙްމާން، އޮޕަރޭޓަރުގެ ވަޒީފާ އަދާކުރެއްވިއިރު، ފެލިވަރު ކޭނަރީގައި ޢަމަލީގޮތުން ކުރަންޖެހުނު ހުރިހާ ކަމެއް ކުރައްވައި ކޭނަރީގައި ކުރައްވަންޖެހޭ މެކޭނިކަލް ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވައެވެ. އަޙްމަދު ޢަބްދުއްރަޙްމާނަކީ، ފެލިވަރުގައި ކުރާ މެކޭނިކަލް މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ.

ފެލިވަރަކީ ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތްކުރާ ތަނަކަށްވެފައި، އެ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ މެޝިނަރީތައް ބެލެހެއްޓެވުމާއި، މަރާމާތު ކުރުމާއި، އޯވަރހޯލް ކުރުންފަދަ ހުރިހާ މަސައްކަތެއް، އަޙްމަދު ޢަބްދުއްރަޙްމާންގެ ސީދާ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އަޙްމަދު ޢަބްދުއްރަޙްމާނަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކޮށްދެއްވަމުން ގެންދަވާ ޓްރެއިނަރެއްވެސް މެއެވެ.

އަޙްމަދު ޢަބްދުއްރަޙްމާނަކީ، ކޭނަރީގައި މަސައްކަތް ނުކުރާ ދުވަސްތަކުގައިވެސް، މަސައްކަތް ފެށެންވާއިރަށް މެޝިންތައް ތައްޔާރީ ޙާލަތަކަށް ގެންނެވުމުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެއް މެއެވެ.

އަޙްމަދު ޢަބްދުއްރަޙްމާނަކީ، މި ވޭތުވެދިޔަ ދިގު މުއްދަތުގައި ވަރަށް އިޚުލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރެއްވި އަދި ހާޒިރީއަށް ފަރުވާތެރި ބޭފުޅެއްވެސް މެއެވެ.