ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްރައްޒާޤް މުޙައްމަދު
ހުޅުމާލެ. ފްލެޓް 15-3-08

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްރައްޒާޤް މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ފެބުރުވަރީ 1987 ގައެވެ. ފުރަތަމަ ޚިދުމަތް ކުރެއްވީ، އެން.އެސް.އެސް.ގައެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލްކަމުގެ ރޭންކުގައި ޚިދުމަތް ކުރެއްވުމަށްފަހު، 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުއްރައްޒާޤް މުޙައްމަދު، ޚިދުމަތް ކުރައްވައިފައިވާ ދާއިރާތަކުގެ ތެރޭގައި، ބިލްޑިންގ މެއިންޓެނަންސް ޔުނިޓާއި، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޔުނީފޯމް އެންޑް އިކުއިޕްމަންޓާއި، ކޮމިޝަނަރސް ބިއުރޯ ހިމެނެއެވެ. އަދި އެން.އެސް.އެސް.ގެ ފޭދޫފިނޮޅު ޑިޓެންޝަން ޔުނިޓާއި، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ދޫނިދޫ ޑިޓެންޝަން ޔުނިޓް ހިމެނެއެވެ.

ބިލްޑިންގ މެއިންޓެނަންސް ޔުނިޓުގައި، ހައުސް ކީޕިންގ ކަންތައް ބަލަހައްޓާ އެންމެ އިސް މުވައްޒަފެއްގެ ގޮތުން ޢަބްދުއްރައްޒާޤް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންގެ ބެރެކްސް ހޯދުމާއި، ވީ.ވީ.އައި.ޕީ. ރޫމްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ތަންތަނަށް ބޭނުންވާ ތަކެތި ހޯދުމާއި ބެލެހެއްޓުމާ ގުޅޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒް ކުރައްވައި، މުވައްޒަފުންނަށް އިރުޝާދާއި ލަފާ ދެއްވުން ހިމެނެއެވެ. ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގައި ޚިދުމަތް ކުރެއްވިއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެ ފަރާތްތަކާ ހަވާލުކުރައްވައި، މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ޗިޓު ހަވާލުކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. ޔުނީފޯމް އެންޑް އިކުއިޕްމަންޓާ ބެހޭ ބައިގައި މައިގަނޑު ގޮތެއްގައި ޢަބްދުއްރައްޒާޤް މުޙައްމަދު ކުރެއްވި މަސައްކަތްތަކަކީ، ޔުނީފޯމް އެކްސަސަރީޒް ޔުނިޓުން ދޫކުރާ އެންމެހައި ޔުނީފޯމްތަކުގެ ރެކޯޑްސް ބެލެހެއްޓެވުމާއި، ދޫކުރެވޭ ތަކެއްޗާ ގުޅޭ ލިޔެކިޔުންތައް އަދާހަމަކޮށް ބެލެހެއްޓެވުމާއި، މާލެއާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަކެތި ފޯރުކޮށްދެއްވުމެވެ.

އެން.އެސް.އެސް.ގެ އުނގޫފާރު ސްޓޭޝަންގެ އިންޗާރޖްކަން ޢަބްދުއްރައްޒާޤް މުޙައްމަދު ކުރެއްވިއިރު، ސްޓޭޝަނަށް ހުށަހެޅޭ އެންމެހައި މައްސަލަތައް، އިންވެސްޓިގޭޝަން އޮފިސަރުންނާ ހަވާލުކުރައްވައިގެން ތަޙުޤީޤު ކުރައްވައި، މައްސަލަތައް ނިންމަވައި، ސްޓޭޝަންގެ އިދާރީ މަސައްކަތްތައް ކުރައްވައި، ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެލްފެއަރ ކަންތައް ބަލަހައްޓަވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުއްރައްޒާޤް މުޙައްމަދު، އެން.އެސް.އެސް.ގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 5 ކުލައާއި، 9 މެޑެލް ދެއްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚްލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ފުލުހުންގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، މިނިވަން 50ގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ.

ޢަބްދުއްރައްޒާޤް މުޙައްމަދު، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 27 މާރިޗު 2021ން ފެށިގެންނެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.