އަލްފާޟިލް އަޙްމަދު ނަސީމް
ނޫރު ރ. އުނގޫފާރު

އަޙްމަދު ނަސީމް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 ފެބުރުވަރީ 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް އަޙްމަދު ނަސީމް އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ފެލިވަރު ވެއަރހައުސް މެޝިން އޮޕަރޭޓަރ ކަމާއި، ކޭނަރީގެ ޕްލާންޓް މެއިންޓެނަންސް ކަމާއި، އިލެކްޓްރިކަލް ސެކްޝަންގެ އިލެކްޓްރިޝަން ގްރޭޑް 2 ކަމާއި، އިލެކްޓްރިޝަން ގްރޭޑް 1 ކަމާއި، ސީނިއަރ އިލެކްޓްރިޝަން ގްރޭޑް 1 ކަމާއި، ސީނިއަރ އިލެކްޓްރިޝަންކަން ހިމެނެއެވެ.

އަޙްމަދު ނަސީމް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާއިރު، ފެލިވަރު ކޭނަރީގައި ޢަމަލީގޮތުން އޭރު ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އިލެކްޓްރިކްގެ މަސައްކަތަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ ކަމާއި، އެކަމުގެ ހުނަރު ހުރިކަން މަސައްކަތުގެ މާޙައުލުން ސާބިތުކޮށްދެއްވައިފައިވާތީ، އިލެކްޓްރިޝަންގެ މަގާމަށް ބަދަލުކުރައްވައި، އިލެކްޓްރިކަލް އިންޖިނިއަރިންގގެ ރޮނގުން ކުރައްވަން ޖެހިވަޑައިގެންނެވި އިލެކްޓްރިކަލް ގިނަ މަސައްކަތްތަކެއްވެސް އަޙްމަދު ނަސީމް ކުރައްވައިފައި ވެއެވެ.

އަޙްމަދު ނަސީމަކީ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު، ކަމަށްކަމޭހިއްތަވައިގެން ކުރައްވާ ބޭފުޅެކެވެ. އަދި އިލެކްޓްރިކަލް މަސައްކަތުގައި ފެލިވަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ މުވައްޒަފެއްވެސް މެއެވެ.

އަޙްމަދު ނަސީމަކީ، ހާޒިރީއަށް ވަރަށް ފަރުވާތެރިކަން ބަހައްޓަވާ ބޭފުޅެކެވެ. އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، މުވައްޒަފުން ކުރާ މަސައްކަތާ ގުޅޭ ތަމްރީނުތައް ދެއްވައި، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުވުމަށް، އެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ފެލިވަރުގައި ބޭނުންކުރާ އިލެކްޓްރިކަލް އާލާތްތައް މަރާމާތު ކުރުމާއި، އަލަށް އިމާރާތް ކުރެވޭ ތަންތަނުގެ އިލެކްޓްރިކަލް ވަޔަރިންގގެ މަސައްކަތް، އަޙްމަދު ނަސީމްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރަމުން ގެންދެއެވެ. އެގޮތުން، ތަފާތު މޯޓަރުތަކާއި، ވެހިކަލްތަކުގެ ވައިންޑިންގ އަދި ރިވައިންޑިންގ މަސައްކަތްތަކާއި، ފޯމަރުތަކާއި، އިލެކްޓްރިކަލް ޕަވަރ ސިސްޓަމްތަކާއި، ލައިޓިންގ އަދި ޚާއްޞަ އިވެންޓްތަކުގެ އިލެކްޓްރިކަލް މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު އަޙްމަދު ނަސީމް ކުރައްވަމުން ގެންދަވައެވެ.