އަލްފާޟިލާ ޝަމްސުއްނިސާ ޙަސަން
ބާބުއްސަޢާދާ ލ. ކުނަހަންދޫ

ޝަމްސުއްނިސާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ނޮވެންބަރު 1985 ގައި، އުމުރުން 16 އަހަރުގައެވެ. ފުރަތަމަ އަދާކުރެއްވީ، ލ. ކުނަހަންދޫ ސްކޫލްގެ ވަގުތީ މުދައްރިސް ކަމެވެ. އޭގެފަހުން، ކުނަހަންދޫ މުދިމު ކަމާއި، ކުނަހަންދޫ ކައުންސިލްގެ އިދާރާގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެއްވިއެވެ. މިހާރު ހުންނެވީ، ކުނަހަންދޫ ކައުންސިލްގެ އިދާރާގެ ކައުންސިލް އެސިސްޓެންޓްގެ މަގާމުގައެވެ.

ޝަމްސުއްނިސާ ޙަސަނަކީ، ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން، ރަށުގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންނަށް، ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭރު މުދައްރިސެއްގެ ގޮތުގައި ރަށުގައި ހުންނެވި ބޭފުޅަކީ، ހަމައެކަނި ޝަމްސުއްނިސާއެވެ.

ޝަމްސުއްނިސާ ޙަސަން، ކުނަހަންދޫ ސްކޫލްގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، އެކި ކްލާސްތަކަށް އެކި މާއްދާތައް ނަންގަވައި ދެއްވައިފައި ވެއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ފުޅާވަމުންދިޔަ މިންވަރަކުން ކުނަހަންދޫ ސްކޫލަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ކިޔަވައިދިނުމުގެ ފޮތްބައި ތަޢާރުފު ކުރެވި، ވަކި މަންހަޖަކަށް ކިޔަވައިދޭން ފެށުމާ ގުޅިގެން، ރަށުގައި ތަޢުލީމު ފުޅާކުރެއްވުމުގައި ޝަމްސުއްނިސާ، މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ކުނަހަންދޫ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާގައި މެދުކެނޑުމެއްނެތި 18 އަހަރަށްވުރެ ގިނަ ދުވަހު ޝަމްސުއްނިސާ ޙަސަން ޚިދުމަތް ކުރެއްވިއެވެ. ޓީޗަރު ކަމުގެ ވަޒީފާއިން އެ ރަށުގެ އަންހެނުންގެ މިސްކިތުގެ މުދިމު ކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގެންފައި ވަނީ، 30 އޮކްޓޫބަރު 2003 ގައެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުއްދަތުގައްޔާއި، އަންހެނުންގެ މިސްކިތުގެ މުދިމެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ރަށުގެ އިޖުތިމާޢީ މަސައްކަތްތަކުގައި ޝަމްސުއްނިސާ އިސްކޮށް އުޅުއްވިއެވެ. އަންހެނުންގެ ކޮމިޓީ އުވާލުމާ ހަމައަށް، އެ ކޮމިޓީގެ ރައީސާ ކަމުގައި ދެމިހުންނެވިއެވެ. އަންހެނުންގެ މިސްކިތް އުވާލެއްވުމާ ގުޅިގެން، ކުނަހަންދޫ މިސްކިތުގެ މަސައްކަތު މީހެއްގެ ވަޒީފާއަށް ޝަމްސުއްނިސާ ބަދަލުވެވަޑައިގަތެވެ.

ޝަމްސުއްނިސާ ޙަސަނަކީ، ރަސްމީ ވަޒީފާގެ ހައިސިއްޔަތުން ދައުލަތަށް ކުރެއްވި ޚިދުމަތްތަކުގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި އިޖުތިމާޢީ ރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.