ޕްރިޒަން ސްޓާފް ސާރޖަންޓް ޢަބްދުއްސައްތާރު މުޙައްމަދުފުޅު
ހުޅުމާލެ. ފްލެޓް 06-01-6

ޕްރިޒަން ސްޓާފް ސާރޖަންޓް ޢަބްދުއްސައްތާރު މުޙައްމަދުފުޅު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 9 އޮކްޓޫބަރު 1985 ގައެވެ. ފުރަތަމަ ޚިދުމަތް ކުރެއްވީ، އެން.އެސް.އެސް.ގައެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމުގެ ރޭންކް ފުރުއްވިއެވެ.
އެން.އެސް.އެސް.ގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޢަބްދުއްސައްތާރު މުޙައްމަދުފުޅު، ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ޚިދުމަތާ ގުޅިވަޑައިގަތެވެ. ފުރަތަމަ އަދާކުރެއްވީ، ކަރެކްޝަންސް އޮފިސަރެއްގެ ވަޒީފާއެވެ. އެއަށްފަހު، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްގެ ކަރެކްޝަން އޮފިސަރުކަން ކުރެއްވިއެވެ. އަދި ޕްރިޒަން އޮފިސަރ (ޓްރޭނީ) އެއްގެ މަގާމާއި، ޕްރިޒަން ކޯޕްރަލްގެ މަގާމާއި، ޕްރިޒަން ސާރޖަންޓްގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު މުޙައްމަދުފުޅު، ސިފައިންގޭގައި ޚިދުމަތް ކުރެއްވިއިރު، ކަމާގުޅޭ އެކިއެކި ތަމްރީނުތައް ފުރިހަމަކުރެއްވިއެވެ. އެންމެ ފުރަތަމަ 1985ން ފެށިގެން މަސައްކަތް ކުރެއްވީ ގާމާދޫ ޖަލުގައެވެ. އަދި ހުޅުލޭގައި ހުރި އެން.އެސް.އެސް.ގެ ސްޓޭޝަނާއި، ކިއު.އާރު.އެފް. 3 އާއި، ލ.ކައްދޫގައި ހުރި ސްޓޭޝަންގައި، 1988 ނޮވެންބަރު 3ގެ ފަހުން މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. އެސް.ޕީ.ޖީ. ގައި މަސައްކަތް ކުރައްވަން ފެށްޓެވީ، 1990 ވަނަ އަހަރުއެވެ. ޢަބްދުއްސައްތާރު މުޙައްމަދުފުޅު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީވެސް އެސް.ޕީ.ޖީ. ގައެވެ.

ޢަބްދުއްސައްތާރު މުޙައްމަދުފުޅު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، ހުޅުމާލޭ ޖަލުގެ ޑިވިޜަން ހެޑްގެ ހައިސިއްޔަތުން އެތަން ބެލެހެއްޓެވުމުގެ މަސައްކަތެވެ. މިގޮތުން ކުރައްވަމުން ގެންދަވާ މައިގަނޑު ކަންކަމަކީ، ހުޅުމާލޭ ޖަލުގެ ސަޕޯޓް ސަރވިސްއާ ބެހޭ ކަންކަމާއި، މެއިންޓެނަންސް ސަރވިސްއާ ބެހޭ ކަންކަމެވެ. އަދި މެއިންޓެނަންސްގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސުޕަވައިޒް ކުރައްވައި ބެލެހެއްޓެވުމުގެ އިތުރުން، ހުޅުމާލޭ ޖަލުގެ ޓްރާންސްޕޯޓް ސަރވިސްގެ މަސައްކަތްވެސް ސުޕަވައިޒް ކުރައްވަމުން ގެންދަވައެވެ.

ޢަބްދުއްސައްތާރު މުޙައްމަދުފުޅު، ސެކިއުރިޓީ ގޮތުން ބަލަހައްޓަވަންޖެހޭ ކަންކަމާއި، ބަންދުގައި ތިބޭ މީހުންނަށް ބޭނުންވާ އެކިއެކި ކަންކަން، ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން ކޮށްދެއްވަމުން ގެންދަވައެވެ.

ޢަބްދުއްސައްތާރު މުޙައްމަދުފުޅު ފާހަގަކުރެވިފައިވަނީ، ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ވެރިން އަންގަވާ ގޮތަށް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައި، ގަޑިއަށް ފަރުވާބަހައްޓަވައި، މަސައްކަތަށް ކަމޭހިއްތަވައިގެން، އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.