އަލްފާޟިލާ މަރްޔަމް މުޙައްމަދު ސަމީރު
މ. ކަގި

މަރްޔަމް މުޙައްމަދު ސަމީރަކީ، މެދުނުކެނޑި 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި ނަރުހެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ހަރުދަނާ، ނަމޫނާ ބޭފުޅެކެވެ.

ނަރުސް ކަމުގެ ވަޒީފާއަށް ވަރަށް ކުރިއްސުރެ މަރްޔަމް މުޙައްމަދު ސަމީރުގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމާއެކު، ނަރސް އެއިޑް ކޯސް ފުރިހަމަ ކުރައްވައި، 1985 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު، ސެންޓްރަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. މަރްޔަމް މުޙައްމަދު ސަމީރަކީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ކްލިނިކަލް ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރައްވައި، މިހާރު ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޑެޕިއުޓީ ވާރޑް މެނޭޖަރުގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ 15 އޮކްޓޫބަރު 1994 ން ފެށިގެންނެވެ.

ހޮސްޕިޓަލްގެ ޚިދުމަތާ ގުޅިވަޑައިގެން، މަރްޔަމް މުޙައްމަދު ސަމީރު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި، އޯ.ޕީ.ޑީ. އާއި، ޕްރޮސީޖަރ ރޫމާއި، އިމަރޖެންސީ ރޫމާއި، އޮޕަރޭޝަން ތިއޭޓަރާއި، ބްލަޑް ބޭންކް އަދި އެންޑޯސްކޯޕީ ޑިޕާޓްމަންޓް ހިމެނެއެވެ. 2003 ވަނަ އަހަރު ޑިޕްލޯމާ އިން ނަރސިންގ ފުރިހަމަކުރެއްވުމަށްފަހު މަސައްކަތް ކުރެއްވީ، އިންޓެންސިވް ކެއަރ ޔުނިޓުގައި އިންފެކްޝަން ކޮންޓްރޯލް ނަރުހެއްގެ ގޮތުގައެވެ. ވެންޓިލޭޓަރުގައި ތިބޭ ބަލިމީހުންނާއި، ކްރިޓިކަލް ހާލަތުގައި ތިބޭ މީހުންނަށް ފަރުވާދެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. ކްރިޓިކަލް ކެއަރ ނަރސިންގ ފުރިހަމަކުރެއްވީ 2008 ވަނަ އަހަރުއެވެ.

ދަސްކުރާ ނަރުހުންނާއި، މަރްޔަމް މުޙައްމަދު ސަމީރުގެ ބެލެހެއްޓެވުމުގެ ދަށުން މަސައްކަތްކުރާ ނަރުހުންނާއި، އަލަށް ވަޒީފާއާ ގުޅޭ ނަރުހުން، މަސައްކަތަށް އަހުލުވެރިކޮށްދެއްވައި، އެހެނިހެން ނަރުހުންގެ މަސައްކަތްވެސް ސުޕަވައިޒް ކުރައްވަމުން ގެންދަވައެވެ. މަރްޔަމް މުޙައްމަދު ސަމީރު ވަނީ 2007 ވަނަ އަހަރު، އެޑްވާންސްޑް ޑިޕްލޯމާ އިން ކްރިޓިކަލް ކެއަރ އަދި 2017 ވަނަ އަހަރު، ބެޗްލަރ އޮފް ނާރސިންގ އަދި 2022 ވަނަ އަހަރު، މާސްޓަރޒް އޮފް ނާރސިންގ ފުރިހަމަ ކުރައްވައިފައެވެ. މީގެއިތުރުން، އިންޑިއާ އާއި ސިންގަޕޫރުން ކާރޑިއެކް ނާރސިންގއާ ބެހޭ ކުރު މުއްދަތުގެ ތަމްރީނުތައްވެސް ފުރިހަމަކުރައްވައިފައި ވެއެވެ.

މަރްޔަމް މުޙައްމަދު ސަމީރަކީ، ނޭޝަނަލް ކާރޑިއެކް ސެންޓަރުގައި ޝިފްޓް އިންޗާރޖެއްގެ ގޮތުގައްޔާއި، ވާރޑުގެ އެކްޓިންގ އިންޗާރޖްކަން އަދި ޑެޕިއުޓީ ވާރޑް މެނޭޖަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަދި ބަލިމީހުންގެ ކަންތައްތަކާއި، ޑިޕާޓްމަންޓްގައި ދިމާވާ ހުރިހާ މައްސަލަތަކެއް ޙައްލުކޮށްދެއްވައި، މުވައްޒަފުންގެ ކަންތައްތައްވެސް ވަރަށް ގާތުން ބައްލަވައި، މެނޭޖްމަންޓާ ގުޅިވަޑައިގެން ނޭޝަނަލް ކާރޑިއެކް ސެންޓަރު ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.

ނަރުހެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، މަރްޔަމް މުޙައްމަދު ސަމީރު ވަނީ، ޑިޕާޓްމަންޓްތަކުގެ މެދުގައި ބޭއްވޭ އެކި ކުޅިވަރު މުބާރާތްތަކުގައި ސީ.ސީ.ޔޫ. ކެތްލެބް ތަމްސީލުކޮށްދެއްވައިފައެވެ. މަރްޔަމް މުޙައްމަދު ސަމީރު ފާހަގަކުރެވެނީ، ޢާއިލީ ޒިންމާތައް އަދާކުރައްވަމުންވެސް، ނަރުހެއްގެ ހައިސިއްޔަތުން ބަލިމީހުންނަށް ޚިދުމަތް ކުރެއްވުމުގައި، ކެތްތެރިކަމާއި އޯގާތެރިކަމާއި ސާބިތުކަމާއެކު ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.