އަލްފާޟިލް މުޙައްމަދު ރަޝީދު
ހ. ފަޅޯމާ

މުޙައްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ކްރިމިނަލް ޓްރައިލްސް ޑިވިޜަންގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއިން 26 ޖޫން 1969 ގައެވެ. 10 ޖޫން 1972 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ، 19 ފެބުރުވަރީ 1973 ގައެވެ. އޭރު ހަމަޖެއްސެވީ، ޓީ.ބީ. ކުލިނިކުގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމަށެވެ. އޭގެފަހުން، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސްގެ 2 ނަންބަރު ކާތިބު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 2 ނަންބަރު ކާތިބު ކަމާއި، ރޭޑިއޯ މޯލްޑިވްސްގެ 2 ނަންބަރު ކާތިބުކަން ކުރެއްވިއެވެ. އަދި ކަސްޓަމްސްގެ 2 ނަންބަރު ކާތިބުކަންވެސް ކުރައްވައިފައި ވެއެވެ. 28 މޭ 1975 ގައި އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ 27 މާރިޗު 1985 ގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ އެހީތެރިޔާގެ މަގާމުންނެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްގައި ޚިދުމަތް ކުރެއްވިއިރު، އެ މިނިސްޓްރީގެ މުޢާވިން ކަމާއި، ވަކީލު ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ވަކީލު ކަމާއި، ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރކަން ކުރައްވައިފައި ވެއެވެ. އަދި ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް މުޙައްމަދު ރަޝީދު އަދާކުރައްވައިފައި ވެއެވެ. 1 ޖަނަވަރީ 2013 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

މުޙައްމަދު ރަޝީދު ދައުލަތަށް ޚިދުމަތް ކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ތަފާތު އިދާރާތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރެއްވިއިރު، އެތާނގައި ހިނގި ޝަރީޢަތްތަކުގެ އެންމެހައި ލިޔުންތައް އަތުން ލިޔުއްވައި އަދި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓުތައް ލިޔުއްވައި، އެ ފަރާތްތަކަށް ޗިޓު ރައްދުކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ޢަރުޝީފްގައި ހުރި ޝަރުޢީ ފޮތްތަކާއި ފައިލްތައް ތަރުތީބު ކުރައްވައި، މާލެއާއި އަތޮޅުތަކުގެ ކޯޓުތަކުގެ ލިޔެކިޔުންތައް، ވަކި އިންތިޒާމެއްގެ ދަށުން ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތްތައް މުޙައްމަދު ރަޝީދު ކުރެއްވީ، ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންނަށް އެކަމުގެ ތަމްރީނުވެސް ދެއްވައިގެންނެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އިދާރީ މުވައްޒަފުންނަށާއި، ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރާ ކޯސްތަކުގައި މުޙައްމަދު ރަޝީދު ކިޔަވައިދެއްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންނަށް އިދާރީ ހިންގުމާބެހޭ މަޢުލޫމާތު ދެއްވައި، ބަޖެޓް ހެދުމާއި، ޚަރަދު ކުރުމުގެ އުސޫލުތަކާބެހޭ މަޢުލޫމާތުވެސް ދެއްވިއެވެ.

މުޙައްމަދު ރަޝީދަކީ، 23 ފެބުރުވަރީ 1980 އިން ފެށިގެން 2 އޮގަސްޓު 1983ގެ ނިޔަލަށް، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.