އަލްއުސްތާޛު އަޙްމަދު މުޖުތަބާ
ދަފްތަރު. ނަންބަރު ރސ 1542، މާލެ

އަލްއުސްތާޛު އަޙްމަދު މުޖުތަބާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1983 ގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާއިންނެވެ. ކިޔަވައި ވިދާޅުވުމަށްޓަކައި 4 މާރިޗު 1989 ގައި ސަރުކާރުގެ ޚިދުމަތުން މެދުނުކެނޑޭގޮތަށް ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ދައުލަތުގެ ޚިދުމަތާ އަލުން ގުޅިވަޑައިގަތީ، 25 ޖަނަވަރީ
1992 ގައެވެ. އޭރު ހަމަޖެއްސެވީ ކަލާފާނު ސްކޫލްގެ ޤުރްއާން މުދައްރިސެއްގެ މަގާމަށެވެ. ކަލާފާނު ސްކޫލްގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އޭގެފަހުން ބަދަލުވެވަޑައިގަތީ، ޣިޔާޘުއްދީން ސްކޫލްގެ ޤުރްއާން އަދި އިސްލާމް މުދައްރިސްގެ މަގާމަށެވެ. 2008 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައެވެ. މިހާރު ހުންނެވީ، އެ މަރުކަޒުގެ ޓީޗަރ (ޤުރްއާން) ކަމުގެ މަގާމުގައެވެ.

އަލްއުސްތާޛު އަޙްމަދު މުޖުތަބާ ތަޢުލީމީ ދާއިރާއަށް ބަދަލުވެވަޑައިގަތީ، ފުޅާ ދާއިރާއެއްގައި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ޢަޒުމުގައެވެ. ޚާއްޞަކޮށް، ކުދިންނަށް ކިޔަވައިދެއްވުމަކީ، ވަރަށް ކުރިއްސުރެ ކަނޑައަޅުއްވައިފައިވާ ޢަޒުމަކަށްވުމާއި، ތަޢުލީމީ ދާއިރާއަކީ ވަރަށްގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާ ދާއިރާއަކަށްވާތީވެސް މެއެވެ. އިސްލާމާއި، ކީރިތި ޤުރްއާނާއި، ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާގައި އަޙްމަދު މުޖުތަބާ ޚިދުމަތް ކުރައްވަމުން ގެންދަވާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އަލްއުސްތާޛު އަޙްމަދު މުޖުތަބާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި 36 އަހަރުގެ ދިގު މުއްދަތުގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، ދުވަހަކުވެސް ގަޑިޖެހިގެން އޮފީހަށް ވަޑައިގެންފައި ނުވާކަމެވެ.

އަލްއުސްތާޛު އަޙްމަދު މުޖުތަބާއަކީ، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާއިން އިމާމު ކޯހާއި، ޤާރީ ކޯހާއި، ޤުރްއާން މުދައްރިސް ކަމުގެ ކޯސް ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯ ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢަރަބިބަހުގެ ޑިޕްލޯމާ ކޯހާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ އިން ޓީޗިންގ ކޯހާއި، މާސްޓަރ އޮފް ޓީޗިންގ އެންޑް ލަރނިންގ ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ކީރިތި ޤުރްއާނާއި، ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ނޫރުލް އިސްލާމް" ގެ ނަމުގައި ކޮމިއުނިޓީ ވައިބަރ ގްރޫޕެއް އަޙްމަދު މުޖުތަބާ ހިންގަވަމުން ގެންދަވައެވެ.

އަލްއުސްތާޛު އަޙްމަދު މުޖުތަބާއަކީ، ވެރިންނާއި އެހެން މުދައްރިސުންނާއި ދަރިވަރުންގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ، އަޚްލާޤު ރަނގަޅު، ވަރަށް ހަރުދަނާ ނަމޫނާ މުދައްރިސެކެވެ.