ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޔަމަން ޢަލީ
ހުޅުމާލެ. ފްލެޓް ނަންބަރު 01-3-107

ޔަމަން ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 16 ސެޕްޓެންބަރު 1986 ގައެވެ. ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ފުރަތަމަ ޚިދުމަތް ކުރެއްވީ، އެން.އެސް.އެސް.ގައެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލްކަން ކުރައްވައިފައި ވެއެވެ. 1 ސެޕްޓެންބަރ 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، ޚިދުމަތް ކުރައްވަމުން ގެންދެވީ އެ އިދާރާގައެވެ. މިހާރު، ދިވެހި ފުލުހުންގެ ޚިދުމަތުގައެވެ. ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރކަން ކުރައްވައިފައި ވެއެވެ. ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ކަމުގެ ރޭންކް ފުރުއްވަމުން ގެންދަވަނީ، 27 މާރިޗު 2021 ން ފެށިގެންނެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު ދާއިރާތަކުގައި، ޔަމަން ޢަލީ ވަނީ ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައްޔާއި، ޕްރޮޓެކްޓިވްސް ސެކިއުރިޓީ ޑިޕާޓްމަންޓްގައްޔާއި، ޔުނީފޯމް އެންޑް އިކުއިޕްމަންޓް ޑިޕާޓްމަންޓްގައްޔާއި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގައްޔާއި، ތިލަފުށީ ޕޮލިސް ސްޓޭޝަންގައްޔާއި، ގަލޮޅު ޕޮލިސް ސްޓޭޝަންގައްޔާއި، ދޫނިދޫ ޑިޓެންޝަން ޔުނިޓުގައްޔާއި އަދި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޔަމަން ޢަލީ ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިމާރާތްތަކާއި ވެހިކަލްތައް މަރާމާތުކޮށް ސާފުކޮށް ބެލެހެއްޓެވުމާއި، މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރެއްވުމާއި، ލަފަޔާއި އިރުޝާދު ދެއްވައި، ޢަމަލީގޮތުން އެކަންކަމުގައި ބައިވެރިވަވަޑައިގަތުން ހިމެނެއެވެ. އަދި ހުޅުމާލޭގެ ޓްރެފިކްގެ ކަންތައް ޙައްލުކުރެއްވުމާއި، ޕެޓްރޯލްކޮށް އަމަންއަމާންކަން ބެލެހެއްޓެވުމާއި، ވީ.އައި.ޕީ.އިން އެސްކޯޓް ކުރުމުގައި ޓްރެފިކް ސެކިއުރިޓީ ދިނުމުގައްޔާއި، އާންމު ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފަސްޓްލައިން އޮފިސަރެއްގެ ގޮތުގައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އަދި ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ބަންދު މީހުންގެ އެންމެހައި ކަންކަން ބެލެހެއްޓެވުމާއި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން އަޅަމުންދާ އިމާރާތްތަކުގައި މަސައްކަތް ކުރިއަށްގެންދާ ގޮތް ސުޕަވައިޒް ކުރައްވައި، ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރެއްވުން ހިމެނެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޔަމަން ޢަލީ، އެން.އެސް.އެސް.ގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 3 ކުލައާއި، 5 މެޑެލް ދެއްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚްލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލް، ސައްތައިގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، މިނިވަން 50ގެ މެޑެލް ހިމެނެއެވެ.