އަލްފާޟިލް އިބްރާހީމް ޝަރީފް
މ. ޓެމަރިސްކް

އިބްރާހީމް ޝަރީފް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކްސްގެ ދާއިރާއިން ދެ އަހަރު ދުވަހުގެ ކޯހެއް ފުރިހަމަކުރެއްވުމަށްފަހު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 އޮގަސްޓު 1986 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ މެކޭނިކެއްގެ ވަޒިފާއެވެ.

ވޭތުވެދިޔަ 36 އަހަރަށްވުރެ ގިނަ ދުވަހު އިބްރާހީމް ޝަރީފް ޚިދުމަތް ކުރައްވައިފައި ވަނީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާގައެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރެފްރިޖަރޭޝަން މެކޭނިކް ކަމާއި، ސީނިއަރ މެކޭނިކް ކަމާއި، ސީނިއަރ ރެފްރިޖަރޭޝަން ޓެކްނީޝަން ކަމާއި، އެސިސްޓެންޓް ރެފްރިޖަރޭޝަން އިންޖިނިއަރކަން ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަން ސިސްޓަމްތައް ބެލެހެއްޓެވުމާއި، މަރާމާތު ކުރުމުގެ މަސައްކަތް، އިބްރާހީމް ޝަރީފް ކުރެއްވިއެވެ. އޭގެއިތުރުން، ކުންފުނީގެ އެހެން ޔުނިޓުތަކުގައި ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ.

މީގެއިތުރުން، އިބްރާހީމް ޝަރީފް ވަނީ ތަފާތު ތަމްރީނު ޕުރޮގުރާމުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރައްވައިފައެވެ. އޭގެ ތެރޭގައި، އެއަރޕޯޓް މެއިންޓަނަންސްއާ ބެހޭ ކޯސްތައް ހިމެނެއެވެ. އަދި އެކިއެކި ސެމިނަރތަކުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިބްރާހީމް ޝަރީފް، އެއަރޕޯޓުގައި ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ހަނދާނީ ލިޔުން، 4 ފަހަރު ލިބިވަޑައިގެންފައިވެއެވެ. އެއީ، 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުންނާއި، 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުންނާއި، 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުންނާއި، އަދި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުން ދެއްވި ލިޔުމެވެ.

މީގެއިތުރުން، އިބްރާހީމް ޝަރީފަކީ، 2017 ވަނަ އަހަރުން ފެށިގެން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުން ހިލޭސާބަހަށް އެކިއެކި ކޯސް ހިންގަވައި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މި ދެންނެވި އިންސްޓިޓިއުޓުން ރާއްޖޭގެ އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން، އަތޮޅުތަކުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަންގެ ބޭސިކް ކޯސްތައް ރާއްޖޭގެ އަތޮޅުތަކުގައި ހިންގަމުން ގެންދެއެވެ.