އަލްފާޟިލް މުޙައްމަދު މަނިކުފާނު
އާކާސްވިލާ ނ. ވެލިދޫ

މުޙައްމަދު މަނިކުފާނު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 މޭ 1986 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ޖެޓީ ޔުނިޓުގެ ލޭބަރަރ ކަމާއި، ސްޓެވިޑޯރިންގގެ ސްޓެވިޑޯރ ވަރކަރ ކަމާއި، ސެނިޓޭޝަންގެ ވަރކަރ ކަމާއި، ވަރކްސް ޔުނިޓުގެ ފޯމަން 3 ކަމާއި، ފޯމަން 2 ކަމާއި، އަދި ސިވިލް ވަރކްސްގެ ފޯމަން ކަމާއި، ސުޕަވައިޒަރުކަން ހިމެނެއެވެ.

މުޙައްމަދު މަނިކުފާނު، އެ ވަގުތަކު މަސައްކަތް ކުރެއްވި ކޮންމެ ސެކްޝަނެއްގައި ޢަމަލީގޮތުން ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ސެނިޓޭޝަން ވަރކްސް ޔުނިޓުން ސިވިލް ވަރކްސް އަށް ބަދަލުވެވަޑައިގެން، ފެލިވަރުގެ ސިވިލް ވަރކްސްގައި ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ މަސައްކަތްތައް ކުރައްވައިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މުޙައްމަދު މަނިކުފާނަކީ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައި ނިންމަވާ ބޭފުޅެކެވެ. ހަމައެއާއެކު، އަތްތެރި މަސައްކަތުގައި ފެލިވަރުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެއްވެސް މެއެވެ. ފެލިވަރުގައި ޚިދުމަތް ކުރެއްވުމުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، މުޙައްމަދު މަނިކުފާނަކީ، ހާޒިރީއަށް ވަރަށް ފަރުވާތެރި ބޭފުޅެކެވެ.

މުޙައްމަދު މަނިކުފާނަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

މުޙައްމަދު މަނިކުފާނަކީ، ފެލިވަރުގެ އިންފްރާސްޓްރަކްޗަރާ ގުޅޭ މަރާމާތުގެ ގިނަ މަސައްކަތްތައް ކުރައްވައި، ބަލަހައްޓަވައި، ފެލިވަރުގެ އެކި ކަންކަމަށް ބޭނުންވާ ފަރުނީޗަރާއި، ގޮނޑި، މޭޒު، އަލަމާރިފަދަ ތަކެތި ތައްޔާރުކޮށްދެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ނަމޫނާ މުވައްޒަފެކެވެ.

މުޙައްމަދު މަނިކުފާނަކީ، ކޮންސްޓްރަކްޝަން ދާއިރާއިން ފެލިވަރަށް ބޭނުންވާ މަސައްކަތްތަކާއި، ތެދުއުއި ވަޑާމާއި، ކިއްސަރު ވަޑާންކުރުންފަދަ ހުނަރުވެރި މަސައްކަތްތަކާއި، ރޭނުމާއި، ތަށިމުށިޖެހުންފަދަ ތަފާތު ގިނަ މަސައްކަތްތަކެއް ވަރަށް ފުރިހަމައަށް ފެލިވަރުގައި ކުރައްވައި، މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި މުވައްޒަފެއްކަން ފާހަގަކޮށްލަން ޖެހެއެވެ.