އަލްފާޟިލް ޢަބްދުލްޣަނީ ޢުމަރު
ހަމަހިމޭންގެ ޅ. ނައިފަރު

ޢަބްދުލްޣަނީ ޢުމަރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 11 މޭ 1986ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް ޢަބްދުލްޣަނީ އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، އެޓެންޑެންސް ރިމިއުނަރޭޝަން ކްލާކް ކަމާއި، އެކައުންޓްސްގެ ޕޭރޯލް އޮފިސަރ ގްރޭޑް 1 ކަމާއި، ޕޭރޯލް އޮފިސަރ ގްރޭޑް 2 ކަމާއި، އެކައުންޓްސް އޮފިސަރ ކަމާއި، ޖޫނިއަރ އެގްޒެކެޓިވް ގްރޭޑް 2 ކަމާއި، އެޗް.އާރު. މެނޭޖްމަންޓްގެ ޖޫނިއަރ އެގްޒެކެޓިވް ގްރޭޑް 2 ކަމާއި، ޖޫނިއަރ އެގްޒެކެޓިވް ގްރޭޑް 3 ކަމާއި، ސީނިއަރ އެގްޒެކެޓިވް ގްރޭޑް 2 ކަމާއި، އަދި އެސިސްޓެންޓް މެނޭޖަރުކަން ހިމެނެއެވެ.

ޢަބްދުލްޣަނީ ޢުމަރު، ފެލިވަރުގައި ވަޒީފާ އަދާކުރެއްވިއިރު، ޢަމަލީގޮތުން ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ މަސައްކަތްތައް ސުޕަވައިޒް ކުރެއްވުމުގެ އިތުރަށް، މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި، ޢިނާޔަތްތައް ދިނުމުގައި ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ މަސައްކަތްތަކާއި، ފައިސާއާބެހޭ މުޢާމަލާތުތަކުގެ ލިޔެކިޔުންތަކުގެ މަސައްކަތްވެސް ޢަމަލީގޮތުން ކުރައްވައިފައި ވެއެވެ.

ފެލިވަރު މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމުގައި، އެ ދުވަސްވަރު އަތުން ލިޔެގެން ކުރަމުން އައި ގިނަ މަސައްކަތްތައް ފަސޭހަކުރުމުގެ ގޮތުން، ޢަބްދުލްޣަނީ ޢުމަރުގެ އަމިއްލަފުޅު މަސައްކަތުން ކޮމްޕިއުޓަރ ޑޭޓާބޭސް ސޮފްޓްވެއަރއެއް އުފައްދަވައި، 1998 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ގިނަ އަހަރުތަކެއް ވަންދެން އެ ސޮފްޓްވެއަރ ފެލިވަރުގައި ބޭނުންކުރަމުން ގެންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ. މިހާރު ފެލިވަރު އޮފީހުގައި ޢަބްދުލްޣަނީ ޢުމަރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ފެލިވަރުގައި ވަޒީފާ އަދާކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެއްވުމުގެ ޢަމަލީ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ.

ފެލިވަރު އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ދަށުން ހިންގަމުން ގެންދާ ހުރިހާ ސެކްޝަންތަކެއްގެ މަސައްކަތްތައް ބެލެހެއްޓެވުމުގެ އިތުރުން، ޑިޕާޓްމަންޓްގެ އިސްބޭފުޅެއްގެ ގޮތުން ސެކްޝަންތައް ހިންގެވުމާ ޢަބްދުލްޣަނީ ޢުމަރު ހަވާލުވެވަޑައިގެން، ފަރުވާތެރިކަމާއެކު ކަންކަން ބަލަހައްޓަވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޢަބްދުލްޣަނީ ޢުމަރު، ދިގު މުއްދަތެއް ވަންދެން ފެލިވަރުގައި މަސައްކަތް ކުރެއްވިއިރު، ހާޒިރީގެ މައްސަލައެއް ނުވަތަ ގަޑިޖެހުމުގެ މައްސަލައެއްވެސް ނެތްކަން ފާހަގަކޮށްލަންޖެހެއެވެ.