އަލްފާޟިލާ ސަޢާދާ ޢަބްދުލްޢަޒީޒް
ވާދީ ހއ. ކެލާ

ސަޢާދާ ޢަބްދުލްޢަޒީޒް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާ ކަމުގެ ވަޒީފާގައި 22 ޖަނަވަރީ 1986 ގައެވެ. ޚިދުމަތް ކުރައްވަމުން ގެންދެވީ، ކެލާ ޞިއްޙީ މަރުކަޒުގައެވެ. މިހާރު ސަޢާދާ ހުންނެވީ، ކެލާ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރ ކަމުގެ މަގާމުގައެވެ.

ސަޢާދާ ޢަބްދުލްޢަޒީޒަކީ، ރަށުގައި ހިންގާ އާންމު ޞިއްޙަތާ ގުޅުންހުރި ހުރިހާ ކަމެއްގައިވެސް ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރޭގައި، ވެކްސިން ދިނުމާއި، މައިންނާއި ޅަދަރިންގެ ޞިއްޙަތު ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ގޭގެޔަށް ޒިޔާރަތް ކުރައްވައި، ޞިއްޙީގޮތުން މީހުން ހޭލުންތެރިކުރުވުމަށް ކުރައްވާ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބަރުދަން ލުއިވާ ކުދިންނަށް ޚާއްޞަކޮށްގެން ޔުނިސެފްގެ އެހީގައި ހިންގުނު ފައިދާހުރި ކާނާ ދިނުމުގެ ހަރަކާތުގައި ސަޢާދާ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވައި، ނަތީޖާ ހާސިލުކުރައްވައިފައި ވެއެވެ.

ސަޢާދާއަކީ، ހއ. ކެލާ ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުގެ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކުރައްވައި ފޮނުއްވަމުން ގެންދަވާ އަދި އެކަމުގެ ރެކޯޑުތައްވެސް ބަލަހައްޓަވަމުން ގެންދަވާ ބޭފުޅެކެވެ. ރަށުގައި ރޯގާއެއް ފެށިއްޖެނަމަ، ރޯގާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް، ޞިއްޙީ މަރުކަޒުގެ އެހެނިހެން މުވައްޒަފުންނާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކުގައި ސަޢާދާ ކުރައްވަމުން ގެންދަވައެވެ. އަދި ރަށަށް ޒިޔާރަތްކުރާ ޞިއްޙީ ކަންކަމާ ގުޅުންހުރި ވަފުދުތަކަށް އެހީތެރިވެ ދެއްވައި، ކޮށްދެއްވެން ހުރި ކަންކަން ކޮށްދެއްވަމުން ގެންދަވައެވެ. މި މަސައްކަތް ކުރައްވަމުން ގެންދަވާތާ ދިގު މުއްދަތެއް ވެފައިވާއިރު، މި މަސައްކަތުގައި އެއްވެސްއިރެއްގައި މައްސަލައެއްޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ސަޢާދާ ޢަބްދުލްޢަޒީޒަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. މިގޮތުން، ގޭގެޔަށް ޒިޔާރަތް ކުރައްވާއިރު، ފައިދާހުރި ރަނގަޅު ކާނާއާއި، އާންމު ސާފުތާހިރުކަމާއި، މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކާއި، ބަލިތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މީހުންނަށް މަޢުލޫމާތު ދެއްވަމުން ގެންދަވައެވެ. އަދި ބަރުދަން ލުއިވާ ކުދިންގެ ބެލެނިވެރިންނަށް، ކުއްޖާއަށް ފައިދާހުރި ކާނާ ދިނުމާ ގުޅޭގޮތުން އިރުޝާދު ދެއްވައެވެ. މީގެއިތުރުން، ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގ ސެޝަންތައް ނަންގަވައިދެއްވަމުން ގެންދަވައެވެ.