އަލްފާޟިލް މޫސާ މުޙައްމަދު
ސީވީޑް ލ. މާވަށް

މޫސާ މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖަނަވަރީ 1986 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ދަށުން ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޯޓުފަހަރުގެ އޮއިލަރުގެ މަގާމެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް މޫސާ މުޙައްމަދު އަދާކުރައްވައިފައި ވެއެވެ.

މޫސާ މުޙައްމަދު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފުރަތަމަ ކުރެއްވީ، ބޯޓުފަހަރުގެ އިންޖީން ސައިޑުގެ އޮއިލަރުގެ މަސައްކަތެވެ. މިގޮތުން، މަސައްކަތް ކުރައްވާ ބޯޓުގެ އިންޖީން ރޫމްގައި ހިނގާ ކަންކަމާއި، ބޯޓުގެ އިންޖީނު ބެލެހެއްޓެވުމުގެ މަސައްކަތާއި، އަދި ބޯޓުގެ އިންޖިނޭރު އެދިވަޑައިގަންނަވާ ގޮތަށް ހުރިހާ މަސައްކަތެއް ކުރެއްވުމުގައިވެސް، މޫސާ މުޙައްމަދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިފްކޯއާއި ކޫއްޑޫގެ ބޯޓުފަހަރުގެ މެކޭނިކަކަށް މޫސާ މުޙައްމަދު ބަދަލުވެވަޑައިގެން މަސައްކަތް ކުރެއްވިއިރު، ބޯޓުގައި މަސައްކަތްކުރާ އޮއިލަރުންގެ މަސައްކަތްތައް ބައްލަވައި، އެ މުވައްޒަފުންނަށް މަސައްކަތް ދައްކަވައި، އެ މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެފަހުން އިންޖިނިއަރެއްގެ މަގާމަށް ބަދަލުވެވަޑައިގަތުމުން، ހަމަ މި މަސައްކަތްތައް ކުރެއްވުމުގައި ދެމިހުންނެވިކަން ފާހަގަކުރެވެއެވެ. އަދި މޫސާ މުޙައްމަދަކީ، އެހެން މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

މޫސާ މުޙައްމަދު، ޗީފް އިންޖިނިއަރެއްގެ މަގާމުގައި ހުންނަވައިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މޫސާ މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އަލަށް ވަޒީފާ ދެއްވާ އޮއިލަރުންނާއި، އިންޖިނިއަރުން ތަމްރީނު ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.