އަލްފާޟިލް މުޙައްމަދު އިބްރާހީމް
ޓިޔްލިޕް ޅ. ހިންނަވަރު

މުޙައްމަދު އިބްރާހީމް، ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 މާރިޗު 1986 ގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ދަށުން ފެލިވަރު ހިންގެވިއިރު އެޑްމިނިސްޓްރޭޓިވް އޮފިސަރ ޓްރޭނީއެއްގެ ގޮތުގައި ފެލިވަރުގައެވެ. މުޙައްމަދު އިބްރާހީމް، ފެލިވަރު ޓޫނާ ޕްރޮސެސިންގ ޕްލާންޓުގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސްޓޮކްރޫމްގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، ހެޑް ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް މެނޭޖަރ، ޖެނެރަލް އެޑްމިނިސްޓްރޭޝަން ކަމާއި، ހިއުމަން ރިސޯސަސް، މެނޭޖަރ ކަމާއި، ފިޝް މީލް ޕްލާންޓް، އެސިސްޓެންޓް ރީޖަނަލް މެނޭޖަރ އަދި ރީޖަނަލް މެނޭޖަރުކަން ކުރައްވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމް، ސްޓޮކްރޫމްގެ ސުޕަވައިޒަރު ކަމުގެ ވަޒީފާ އަދާކުރެއްވިއިރު، ސްޓޮކްރޫމްގެ މަސައްކަތްތައް ސުޕަވައިޒް ކުރެއްވުމުގެ އިތުރުން، ސްޓޮކްރޫމްގެ ލިޔެކިޔުންތައް ބެލެހެއްޓެވުމާއި، ތަކެތި ދޫކުރުމުގެ މަސައްކަތްވެސް ޢަމަލީގޮތުން ކުރައްވައިފައި ވެއެވެ. އެ ދުވަސްވަރަކީ ސްޓޮކް ބެލެހެއްޓުމުގެ ވަސީލަތްތައް މަދު ދުވަސްވަރަކަށް ވުމުން، އެކަމުގެ ދަތިތައް ޙައްލުކުރުމަށް ބިންކާޑު ނިޒާމު ޤާއިމުކޮށް، ތަކެތި ދޫކުރުމުގެ ގަވާއިދުތައް އެކުލަވައިލައްވައި، ތަނުގެ އޮޕަރޭޝަން ހިންގުމަށް އިތުރު ހަރުދަނާކަމާއި، ފަސޭހަކަން ގެނެސްދެއްވުމުގެ ޢަމަލީ މަސައްކަތް، މުޙައްމަދު އިބްރާހީމް ކުރައްވައިފައި ވެއެވެ.

އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި މުޙައްމަދު އިބްރާހީމް، ފެލިވަރު އޮފީހުގައި މަސައްކަތް ކުރެއްވިއިރު، ފެލިވަރުގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ވަރަށް ގާތުން ބައްލަވައިފައި ވެއެވެ. އޮފީހަށް ބޭނުންވާ ލިޔެކިޔުންތައް އަތުން ރީތިކޮށް ލިޔުއްވުމާއި، ކޮމްޕިއުޓަރުން ކުރަންޖެހޭ މަސައްކަތްތައްވެސް މުޙައްމަދު އިބްރާހީމް ކުރައްވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، މުވައްޒަފުން އެކި ރޮނގުރޮނގުން ތަމްރީނު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން، އޮފީހުގެ މަސައްކަތަށާއި، ސްޓޮކްރޫމްގެ މަސައްކަތްތަކަށް ތަމްރީނު ކުރެއްވުމަށާއި، މުވައްޒަފުންނަށް ބޭނުންވާ ތަޖުރިބާ ހޯއްދަވައި ދެއްވުމަށްޓަކައި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ހިންގަވައިފައި ވެއެވެ.

ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާ ކުރުމަށްޓަކައި މުވައްޒަފުންނާ ބެހޭ ގަވާއިދުތައް އެކުލަވައިލުމުގައި، މުޙައްމަދު އިބްރާހީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މި ރޮނގުން ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިފްކޯގެ ރީޖަނަލް މެނޭޖަރެއްގެ މަގާމުގައި، ފެލިވަރު ހިންގެވުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނެވީވެސް މުޙައްމަދު އިބްރާހީމެވެ.