އަލްފާޟިލާ ފާޠިމަތު ޢަބްދުﷲ
ޝަބާބު ސ. ހިތަދޫ

ފާޠިމަތު ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އައްޑުއަތޮޅު ހިތަދޫ އޮފީހުގެ ކާތިބާ ކަމުގެ ވަޒީފާގައި 15 މާރިޗު 1986 ގައެވެ. މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، ފާޠިމަތު ޢަބްދުﷲ އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ސަދަން ރީޖަނަލް އޮފީހުގެ ކާތިބާކަމާއި، ސ.ހިތަދޫ އޮފީހުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. ފާޠިމަތު ޢަބްދުﷲ މިހާރު އަދާކުރައްވަމުން ގެންދަވަނީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ، ހިތަދޫ އަވަށުއޮފީހުގެ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމެވެ.

ފާޠިމަތު ޢަބްދުﷲ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، އޮފީހުގެ އިދާރީ އަދި މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، އޮފީހުގައި ހިނގަމުންދިޔަ ތަޙުޤީޤުތަކުގައި ނެގޭ ބަޔާންތަކާއި، ތަޙުޤީޤު ނިމުނުގޮތުގެ ރިޕޯޓް ލިޔުއްވައި ބަލަހައްޓަވައިފައި ވެއެވެ. އެ ދުވަސްވަރު އެ ހުރިހާ ލިޔުންތަކެއް ލިޔުއްވަމުން ގެންދެވީ އަތުންނެވެ. ތާނަ ޓައިޕްރައިޓަރ ބޭނުންކުރަން ފެށުމުން، ޓައިޕް ކުރައްވައިގެންވެސް ލިޔުންތައް ލިޔުއްވައިފައި ވެއެވެ. އަދި ކޮމްޕިއުޓަރ ބޭނުންކުރަން ފެށުމުން، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޮމްޕިއުޓަރ ބޭނުންކުރައްވައިގެންނެވެ.

ހިތަދޫ އަވަށުއޮފީހުގެ ފައިސާއާބެހޭ ލިޔުންތައް ލިޔުއްވުމާއި، ޔައުމިއްޔާ ލިޔުއްވުމާއި، މުވައްޒަފުންގެ ހާޒިރީއާއި، ސަލާމުގެ ރެކޯޑު ބެލެހެއްޓެވުމާއި، ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓެވުމާއި، ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމު ކުރުމުގެ މަސައްކަތްވެސް ފާޠިމަތު ޢަބްދުﷲ ކުރައްވައިފައި ވެއެވެ. 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފާޠިމަތު ޢަބްދުﷲ ޚިދުމަތް ކުރެއްވިއިރު، ގަވާއިދާއި އުސޫލުތަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ފާޠިމަތު ޢަބްދުﷲ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އޮފީހުގެ އެހެން މުވައްޒަފުންނަށް އެހީތެރިކަން ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އަދި އޮފީހުގައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތަކުގައި ފާޠިމަތު ޢަބްދުﷲގެ އެހީތެރިކަން މިހާރުވެސް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. ފާޠިމަތު ޢަބްދުﷲ އަކީ، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށާއި، ތަޖުރިބާ ހޯދުމަށް އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށް އޮފީހުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.