އަލްފާޟިލް ޢަބްދުލްވާޙިދު މުޙައްމަދު
މޫރިތި ޅ. ނައިފަރު

ޢަބްދުލްވާޙިދު މުޙައްމަދު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1986 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކައުންޓްސް ޑިޕާޓްމަންޓްގައި ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ކާތިބު ކަމާއި، ސީނިއަރ އެގްޒެކެޓިވް ކަމާއި، އެކައުންޓް އެސިސްޓެންޓް ކަމާއި، އެކައުންޓްސްގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އެކައުންޓެންޓް ކަމާއި، އަދި އެކައުންޓްސް އެންޑް ފައިނޭންސްގެ އެސިސްޓެންޓް މެނޭޖަރު ކަމާއި، ޑެޕިއުޓީ މެނޭޖަރުކަން ހިމެނެއެވެ.

ޢަބްދުލްވާޙިދު މުޙައްމަދު، އެކައުންޓްސް ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އެ ރޮނގުން ފެލިވަރަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. ޢަބްދުލްވާޙިދު ޚިދުމަތް ކުރައްވަން ފެށްޓެވި ދުވަސްވަރަކީ ކޮމްޕިއުޓަރ ސިސްޓަމް ހުންނަ ދުވަސްވަރަކަށް ނުވާތީ، ހުރިހާ ލިޔެކިޔުމެއް ބެލެހެއްޓެވީ، އަތުން ލިޔުއްވައިގެންނެވެ. ހަދަންޖެހޭ ހުރިހާ ލެޖަރ، ކޭޝް ޕޭމަންޓް އަދި އެކައުންޓިންގ ހުރިހާ ސްޓޭޓްމަންޓްތަކެއް ވަނީ ފަރުވާތެރިކަމާއެކު ލިޔުއްވައި ޑޮކިއުމަންޓް ކުރައްވައިފައެވެ. މަސައްކަތުގެ މާޙައުލުގައި ދިމާވި ދަތި ކަންތައްތައް ޙައްލުކުރައްވައި، ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކުގައި އަވަހަށް ކަންކަން ނިންމަވާ ބޭފުޅެއްގެ ގޮތުގައި ޢަބްދުލްވާޙިދު މުޙައްމަދު ފާހަގަކުރެވެއެވެ.

ޢަބްދުލްވާޙިދަކީ، މިހާރުވެސް ޑެޕިއުޓީ މެނޭޖަރެއްގެ މަގާމުގައި ހުންނަވައިގެން، ފެލިވަރުގެ އެކައުންޓްސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވަމުން ގެންދަވާ، އެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރައްވައި، ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޢަބްދުލްވާޙިދު މުޙައްމަދަކީ، ހާޒިރީއަށާއި ގަޑިއަށް ވަރަށް ފަރުވާތެރި ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.