އަލްފާޟިލް ޢަލީ ސަޢުދީ
އޭޝް ސ. ހިތަދޫ

ޢަލީ ސަޢުދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އައްޑުއަތޮޅު ހިތަދޫ ކޯޓުގެ ކާތިބު ކަމުގެ ވަޒީފާގައި 30 ނޮވެންބަރު 1985 ގައެވެ.

ޢަލީ ސަޢުދީ އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ހިތަދޫ ކޯޓުގެ ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމުގެ މަގާމުވެސް ހިމެނެއެވެ. ޢަލީ ސަޢުދީ މިހާރު ހުންނެވީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

ޢަލީ ސަޢުދީ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި، ރަޖިސްޓަރީ ކުރެވޭ އެގްރީމަންޓްތަކާއި، ވަރި ކައިވެނީގެ ސެޓުފިކެޓުފަދަ ލިޔުންތައް، ފަރުވާތެރިކަމާއެކުގައި އަތުން ލިޔުއްވައިފައި ވެއެވެ. ތާނަ ޓައިޕްރައިޓަރުން މަސައްކަތް ކުރަން ފެށުމާ ގުޅިގެން، ޓައިޕް ކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔުންތައް ލިޔުއްވައިފައި ވެއެވެ. އަދި ފަހުން މަސައްކަތް ކުރެއްވީ ކޮމްޕިއުޓަރުންނެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ހައްދަވައިގެން އަމިއްލަފުޅަށް ގޭގެޔަށް ވަޑައިގެން، ޗިޓު ރައްދުކުރުންފަދަ މަސައްކަތްވެސް ޢަލީ ސަޢުދީ ކުރައްވައިފައި ވެއެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްއިން އަތޮޅަށް ފޮނުއްވި އިދާރީ ވަފުދުގެ މަސައްކަތުގައްޔާއި، އަތޮޅަށް ޒިޔާރަތް ކުރައްވާ ޝަރުޢީ ވަފުދުގެ މަސައްކަތްތަކުގައި، ޢަލީ ސަޢުދީ އުޅުއްވައިފައި ވެއެވެ. ކޯޓުގެ އާ އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތުގައި ސައިޓް ސުޕަވައިޒަރެއްގެ ދައުރު އަދާކުރައްވައިފައި ވަނީވެސް ޢަލީ ސަޢުދީ އެވެ. ކޯޓުގެ އެޑްމިނިސްޓްރޭޓަރަކު ހަމަޖެހުމާ ހަމަޔަށް ކޯޓުގެ އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ އެންމެހައި މަސައްކަތްތަކާއި، އަތޮޅުގެ އެހެން ރަށްރަށުގެ ކޯޓުތަކުގެ މުސާރަ ދިނުމާއި، ބަޖެޓާއި މަރާމާތާބެހޭ ކަންކަންވެސް ޢަލީ ސަޢުދީ ކުރައްވައިފައި ވެއެވެ. މިސްކިތްތަކުގެ އިމާމުންނާއި، މަސައްކަތު މީހުންނަށް މުސާރަ ދިނުމާއި، މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް، ޢަލީ ސަޢުދީގެ ބެލުމުގެ ދަށުން ކުރައްވައިފައި ވެއެވެ. މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، ޢަލީ ސަޢުދީ ފާހަގަކުރެވިފައި ވަނީ، ހާޒިރީއަށާއި މަސައްކަތަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ.

ޢަލީ ސަޢުދީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ކޯޓުގެ ވަޒީފާއަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކޯޓަށް ޒިޔާރަތްކުރާ މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އަތޮޅުގެ އެހެން ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާއާބެހޭ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައިފައި ވެއެވެ.