ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރަޝީދު
ހުޅުމާލެ. ފްލެޓް ނަންބަރު 04-2-99

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރަޝީދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޙުސައިން ރަޝީދު ފުރަތަމަ އަދާކުރެއްވީ، ސަދަން ރީޖަނަލް އޮފީހުގެ ޕިޔޯނުކަމެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓްކަން ކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ތަފާތު ދާއިރާތަކުގައި ޙުސައިން ރަޝީދު ވަނީ އިޚުލާޞްތެރިކަމާއެކު ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.

1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުމާ ގުޅިގެން، ޙުސައިން ރަޝީދު ޚިދުމަތް ކުރައްވަމުން ގެންދެވީ، އެ މުއައްސަސާގައެވެ. ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ކަމާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ކަމުގެ ރޭންކުގައި ޙުސައިން ރަޝީދު ޚިދުމަތް ކުރެއްވިއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޔުނިޓުތަކާއި ޑިޕާޓްމަންޓްތައް ބަލަހައްޓަވައިފައި ވެއެވެ. އޭގެ ތެރޭގައި، ލޮޖިސްޓިކް ޑިޕާޓްމަންޓާއި، ރީޖަނަލް ޕޮލިސް ޑިޕާޓްމަންޓާއި، ކެޕިޓަލް ޕޮލިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި މާލޭ ކަސްޓަޑީގެ ހެޑްކަމާއި، ދޫނިދޫ ކަސްޓަޑީގެ ހެޑްކަންވެސް ކުރައްވައިފައި ވެއެވެ.

ޙުސައިން ރަޝީދަކީ، ޕޮލިސް އެކެޑަމީގައި ޗީފް ޑްރިލް އިންސްޓްރަކްޓަރެއްގެ ގޮތުން ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވައިފައިވާ އަދި ޕޮލިސް ޓްރޭނިންގ ސްކޫލްގެ ބޭސް ކޮމާންޑަރުގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޙުސައިން ރަޝީދު އެން.އެސް.އެސް. އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 6 ކުލައާއި 10 މެޑެލް ދެއްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚްލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ހާސިލުކުރެއްވި މެޑެލްތަކުގެ ތެރޭގައި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެލް އަދި ފުލުހުންގެ މެޑެލް ހިމެނެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ޙުސައިން ރަޝީދު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 1 ޖަނަވަރީ 2019އިން ފެށިގެންނެވެ.