އަލްފާޟިލް އަޙްމަދު ރަޝީދު
އުދަރެސް ދ. ކުޑަހުވަދޫ

އަޙްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދ.އަތޮޅު ޞިއްޙީ މަރުކަޒުގައި މަސައްކަތު މީހެއްގެ މަގާމުގައި، 1985 މޭ 22 ގައެވެ. އޭގެފަހުން ޢާއިލާގެ އެހީތެރިޔާގެ މަގާމަށް ބަދަލުވެވަޑައިގެން، އެ މަގާމުގައި ހުންނަވައިގެންވެސް ޚިދުމަތް ކުރެއްވުމަށްފަހު، މިހާރު ހުންނެވީ، ދ.އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތު އޮފިސަރގެ މަގާމުގައެވެ. އަޙްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 37 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އަޙްމަދު ރަޝީދު، ދ. އަތޮޅު ޞިއްޙީ މަރުކަޒުގެ މަސައްކަތު މީހެއްގެ މަގާމުގައި ހުންނަވައިގެން ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދުނެވެ. އެހެންކަމުން، ލިބިވަޑައިގެންނެވި ފުރުޞަތެއްގައި، ޢާއިލާގެ އެހީތެރިޔާގެ ކޯސް ފުރިހަމަކުރައްވައި، ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އޭރު ބަލިމީހުންނަށް ފަރުވާ ދެއްވައި، އަދި ޕަބްލިކް ހެލްތުގެ ހުރިހާ ކަމެއްގައިވެސް އުޅުއްވައިފައި ވެއެވެ.

އިމިއުނައިޒޭޝަން ޕުރޮގުރާމް ކުރިއަށް ގެންދެވުމުގައިވެސް އާންމުން ހޭލުންތެރިކުރުވުމަށް އަމިއްލަފުޅަށް ގޭގެޔަށް ވަޑައިގެން، މަޢުލޫމާތު ފޯރުކޮށްދެއްވުމުގެ މަސައްކަތް އަޙްމަދު ރަޝީދު ކުރެއްވިއެވެ. އަދި އިމިއުނައިޒޭޝަން ޕުރޮގުރާމް ހިންގެވުމަށް އަތޮޅުގެ އެހެން ރަށްރަށަށް ވަޑައިގަތުމާއި، ބަލިމީހަކަށް އިތުރު ފަރުވާއެއް ދޭންޖެހޭ ޙާލަތުގައި، ބަލިމީހާ ގޮވައިގެން އިތުރު ފަރުވާދެވޭނެ ހޮސްޕިޓަލަކަށް ވަޑައިގަތުންފަދަ ކަންކަންވެސް އަޙްމަދު ރަޝީދު ކުރައްވައިފައި ވެއެވެ.

ދ.އަތޮޅު ޞިއްޙީ މަރުކަޒުގެ ބަލިމީހުންގެ ރެކޯޑުތައް ބެލެހެއްޓެވުމާއި، ޕަބްލިކް ހެލްތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރައްވައި، ފައިލް ކުރައްވަންޖެހޭ ލިޔުންތައް ފައިލް ކުރެއްވުންފަދަ މަސައްކަތްތައްވެސް އަޙްމަދު ރަޝީދު ކުރެއްވިއެވެ.

މާލެއިން ރަށަށް ޒިޔާރަތްކުރާ ޞިއްޙީ މޯބައިލް ޓީމުތަކާ އެކުގައިވެސް ގުޅިގެން ވަރަށް ރަނގަޅަށް އަދި ފަރުވާތެރިކަމާއެކުގައި ރަށުގައްޔާއި އަތޮޅުތެރޭގެ ރަށްރަށުގައި އަޙްމަދު ރަޝީދު މަސައްކަތް ކުރައްވައިފައި ވެއެވެ. ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން، އާބާދީ ކޮންޓްރޯލް ކުރުމުގެ އެވޯޑުވެސް ޖެހިޖެހިގެން ދެ އަހަރު ކުޑަހުވަދުއަށް ހޯއްދަވައި ދެއްވައިފައި ވެއެވެ.

ޕަބްލިކް ހެލްތުގެ އެކި ޕުރޮގުރާމުތައް ހިންގެވުމުގައި އަޙްމަދު ރަޝީދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރައްވައި، ކޮންމެ ޕުރޮގުރާމަކީވެސް ކާމިޔާބު ޕުރޮގުރާމަކަށް ހެއްދެވުމުގައި، ކަންކަން ކުރަންވީގޮތާއި، ކަންކަން ހިންގަމުން ގެންދަންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދަވާކަން އެއީވެސް އަޙްމަދު ރަޝީދުގެ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ދ. އަތޮޅުގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެއްވަން ފެށްޓެވިއިރު، އެ ޚިދުމަތާ ގުޅިވަޑައިގެން މިއަދާ ހަމަޔަށްވެސް އަޙްމަދު ރަޝީދު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ޝައުޤުވެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައެވެ. އަޙްމަދު ރަޝީދު ދިގު މުއްދަތަކަށް މި މަސައްކަތްތައް ކުރައްވަމުން ގެންދެވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.