އަލްފާޟިލާ ޒަހިއްޔާ އިސްމާޢީލް
ފިނިފެންވިލާ ކ. މާފުށި

ޒަހިއްޔާ އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 އޮކްޓޫބަރު 1985ގައި ކ. މާފުށީ ކޯޓުގެ ކާތިބާކަމުގެ ވަޒީފާގައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުގައެވެ. ދިވެހި ދައުލަތުގެ ޚިދުމަތުގައި ޒަހިއްޔާ އިސްމާޢީލް ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މާފުށީ ކޯޓުގެ ކާތިބާ ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ގްރޭޑް 1 ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ގްރޭޑް 2 ކަމާއި، ސެކްރެޓެރީ ގްރޭޑް 1 ކަމާއި، އަދި ސެކްރެޓެރީ ގްރޭޑް 2 ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި ޒަހިއްޔާ ފާހަގަކުރެވިފައި ވަނީ، ވަޒީފާއަށް ކަމޭހިއްތަވައިގެން، އިޚުލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރައްވާ މުވައްޒަފެއްގެ ގޮތުގައެވެ.

ޒަހިއްޔާ އިސްމާޢީލް ވަނީ ކޯޓުގެ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުފަދަ ލިޔުންތައް، ފަރުވާތެރިކަމާއެކު ރީތިކޮށް އަތުން ލިޔުއްވައިފައެވެ. އަދި ފޮނުވާ މެސެޖުތަކާއި، ލިބޭ މެސެޖުތައް ލިޔުއްވައި، ކޯޓަށް ލިބޭ އަދި ކޯޓުން ފޮނުވާ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ. މިހާރުވެސް ކޮމްޕިއުޓަރުން ލިޔުއްވައި، ލިޔެކިޔުންތައް ބަލަހައްޓަވަމުން ގެންދަވައެވެ.

މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޒަހިއްޔާ އިސްމާޢީލް ކުރައްވަމުން ގެންދަވައެވެ. ހަމައެއާއެކު، ކޯޓަށް ޒިޔާރަތްކުރާ ޝަރުޢީ ވަފުދުތަކާއި، އެހެނިހެން ވަފުދުތަކުގެ މެހްމާންދާރީގެ ކަންކަމާއި، އެހެނިހެން ކަންކަންވެސް، ވަރަށް ފަރުވާތެރިކަމާއެކު ޒަހިއްޔާ ކުރައްވަމުން ގެންދަވައެވެ.

ޒަހިއްޔާ އިސްމާޢީލަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، ކޯޓުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޒަހިއްޔާ އިސްމާޢީލް، 37 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، ވަޒީފާގެ އުސޫލުތަކާ ޚިލާފުވެގެން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޒަހިއްޔާ އިސްމާޢީލް ވަނީ 1987ން ފެށިގެން ފެބުރުވަރީ 2007ގެ ނިޔަލަށް ކ. މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމާއި، ކޮމިޓީގެ ސެކްރެޓެރީ ކަމާއި، ކޮމިޓީގެ ނައިބު ރައީސް ކަމާއި، ޚަޒާންދާރުގެ މަގާމު އަދާކުރައްވައިފައެވެ.