އަލްފާޟިލް ޢަލީ ޒާހިރު
ބަނަފުސާވިލާ ނ. ހޮޅުދޫ

ޢަލީ ޒާހިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޯޓުފަހަރުގެ އޮއިލަރުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް ޢަލީ ޒާހިރު އަދާކުރައްވައިފައި ވެއެވެ.

ޢަލީ ޒާހިރަކީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ފުރަތަމަ ކުރެއްވީ، ބޯޓުފަހަރުގެ އިންޖީނު އޮއިލަރުގެ މަސައްކަތެވެ. އެގޮތުން، މަސައްކަތްކުރާ ބޯޓުގެ އިންޖީނު ރޫމްގައި ހިނގާ ކަންކަމާއި، ބޯޓުގެ އިންޖީނު ބެލެހެއްޓެވުން ހިމެނެއެވެ. ބޯޓުގެ އިންޖިނޭރު ބުނާގޮތަށް މަސައްކަތް ކުރެއްވުމާއި، ބޯޓުގެ އެހެނިހެން މަސައްކަތްތަކުގައިވެސް ޢަލީ ޒާހިރު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިފްކޯއާއި ކޫއްޑޫގެ ބޯޓުފަހަރުގެ މެކޭނިކަކަށް ޢަލީ ޒާހިރު ބަދަލުވެވަޑައިގެން، މަސައްކަތް ކުރެއްވިއިރު، ބޯޓުގައި މަސައްކަތްކުރާ އޮއިލަރުންގެ މަސައްކަތްތައް ބައްލަވައި، އެ މުވައްޒަފުންނަށް މަސައްކަތް ދައްކަވައިދެއްވައި، ބޯޓުގެ އިންޖީން ސައިޑްގެ މެކޭނިކަލް މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެފަހުން އިންޖިނިއަރެއްގެ މަގާމަށް ބަދަލުވެވަޑައިގަތުމަށްފަހުގައިވެސް، ހަމަ މި މަސައްކަތްތަކުގައި ދެމިހުންނެވިއެވެ. އެތާނގައިވެސް އެހެން މުވައްޒަފުންނަށް މަސައްކަތް ދައްކަވައިދެއްވައި، ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ފަސްޓް އިންޖިނިއަރެއްގެ މަގާމުގައި ހުންނަވައިގެން، ޚިދުމަތް ކުރައްވަމުން ގެންދަވާއިރު، ޢަލީ ޒާހިރަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ އޮއިލަރުންނާއި އިންޖިނިއަރުން ތަމްރީނު ކުރައްވައިފައި ވެއެވެ. އަދި މިހާރުވެސް މި މަސައްކަތުގައި ޢަލީ ޒާހިރު ދެމިހުންނެވިކަން ފާހަގަކޮށްލަން ޖެހެއެވެ.