އަލްފާޟިލް މުޙައްމަދު ރަޝީދު
ވެލަގަލި ތ. ގުރައިދޫ

މުޙައްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ތ. އަތޮޅު މަދަރުސާގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއިން 26 މޭ 1985 ގައެވެ. ވޭތުވެދިޔަ 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ރަޝީދު ޚިދުމަތް ކުރައްވައިފައި ވަނީ، ތ. އަތޮޅު މަދަރުސާގައެވެ. ފުރަތަމަ އަދާކުރެއްވީ، ތ. އަތޮޅު މަދަރުސާގެ ކާތިބު ކަމެވެ. އޭގެފަހުން، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. މިހާރު ހުންނެވީ، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުގައެވެ.

މުޙައްމަދު ރަޝީދު ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ތ. އަތޮޅު މަދަރުސާގެ ދުވަހު ޔައުމިއްޔާ ފަދަ ލިޔުންތައް ރީތިކޮށް އަތުން ލިޔުއްވައިފައި ވެއެވެ. މުޙައްމަދު ރަޝީދަކީ، ތ. އަތޮޅު މަދަރުސާގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރައްވައިފައިވާ އަދި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުވައްޒަފުންނަށް މުސާރަ ދެއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ފަރުވާތެރިކަމާއެކު ކުރައްވައިފައިވާ ބޭފުޅެކެވެ.

މައިގަނޑު ގޮތެއްގައި މުޙައްމަދު ރަޝީދު އެންމެ ގިނަ ދުވަހު ކުރައްވައިފައިވާ މަސައްކަތަކީ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ތ. އަތޮޅު މަދަރުސާގެ ސްޓޮކް ބެލެހެއްޓެވުމެވެ. 1985 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުން ފަރުވާތެރިކަމާއެކު އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ. ޚާއްޞަކޮށް، ސްކޫލަށް ހޯދާ މުދާ ވަރަށް ރަނގަޅަށް ބެލެހެއްޓުމުގެ ޒިންމާވެސް މުޙައްމަދު ރަޝީދު ގެންދަވަނީ އުފުއްލަވަމުންނެވެ.