އަލްފާޟިލް އިބްރާހީމް ޝަފީޤު
ބަށިގަސްދޮށުގެ ސ. ހިތަދޫ

އިބްރާހީމް ޝަފީޤު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގައި 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާގައި 5 ޑިސެންބަރު 1983 ގައެވެ. 18 ނޮވެންބަރު 1984 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 5 ފެބުރުވަރީ 1986 ގައެވެ. އުމުރުން 16 އަހަރުގައި، ދައުލަތަށް ޚިދުމަތް ކުރައްވަން ފަށްޓަވައި، ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ އިތުރުން، އިބްރާހީމް ޝަފީޤު ވަޒީފާ އަދާކުރައްވައިފައި ވަނީ އައްޑުއަތޮޅު އަތޮޅުއޮފީހުގައްޔާއި، ފަހުން ކައުންސިލްތައް އުފެދުމުން، އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. މި މުއްދަތުގެ ތެރޭގައި، އައްޑުއަތޮޅު އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި ކައުންސިލް އިދާރާއަށް ބަދަލުވެވަޑައިގަތުމަށްފަހު، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އިބްރާހީމް ޝަފީޤު މިހާރު ހުންނެވީ، އައްޑޫސިޓީ ކައުންސިލް އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަގާމުގައެވެ.

އިބްރާހީމް ޝަފީޤު، އައްޑުއަތޮޅު އަތޮޅުއޮފީހުގައި މަސައްކަތް ކުރެއްވިއިރު، އެ އޮފީހުގެ ތަޙުޤީޤު ޓީމުގައި ހިމެނިވަޑައިގެން، ތަޙުޤީޤު ބަޔާންތައް ލިޔުއްވުމާއި، މީހުން ހާޒިރުކުރުން ފަދަ ކަންކަން ކުރެއްވިއެވެ. އަދި އެ އޮފީހުގެ ފައިސާއާ ބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންނާ ބެހޭ މަސައްކަތާއި، ޕްރޮޖެކްޓްތަކާ ގުޅޭ ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ. ކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކުރުމާއި، މާލީ ރިޕޯޓް ތައްޔާރުކުރުމާއި، ގޯތި ދޫކުރުމާއި، ފްލެޓް ހަވާލުކުރުންފަދަ، ބިންބިމާއި ބޯހިޔާވަހިކަމާ ގުޅޭ އިދާރީ ކަންކަންވެސް ކުރައްވައިފައި ވެއެވެ.

އިބްރާހީމް ޝަފީޤަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އެކީގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި، އެހެން ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށްވެސް މަސައްކަތާ ގުޅޭ ކަންކަން ރަނގަޅަށް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދެއްވައި، މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައިފައި ވެއެވެ.

އިބްރާހީމް ޝަފީޤު، ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.