އަލްފާޟިލް ޢަބްދުލްމުޙްސިން ޙަސަން
ސަމަރ ރ. ކިނޮޅަސް

ޢަބްދުލްމުޙްސިން ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި، 1 ޖަނަވަރީ 1984 ގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކިނޮޅަހު ސްކޫލްގެ ސްކޫލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ކިނޮޅަހު ސްކޫލްގެ ޕްރައިމަރީ ޓީޗަރ ގްރޭޑް 2ގެ މަގާމާއި، ޕްރައިމަރީ ޓީޗަރ ގްރޭޑް 1ގެ މަގާމާއި، ސުޕަވައިޒަރ ކަމާއި، އެކްޓިންގ ހެޑްމާސްޓަރ ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރެއްވިއެވެ.

ޢަބްދުލްމުޙްސިން ޙަސަން ވަޒީފާ އަދާކުރެއްވިއިރު، ސްކޫލްގައި ހިންގަމުން ގެންދިޔަ ހަރަކާތްތަކާއި، ބައްދަލުވުންތައް އިންތިޒާމު ކުރައްވައި އަދި ސްކޫލްގައި ބާއްވާ އެކިއެކި އިމްތިޙާނުތަކުގެ ކަރުދާސްތައް ފަރުވާތެރިކަމާއެކު ރީތިކޮށް އަތުން ލިޔުއްވައިފައި ވެއެވެ. އަދި ކިނޮޅަހު ސްކޫލުން ޗާޕުކުރަންޖެހޭ ތަކެތި ޗާޕުކުރުމުގެ މަސައްކަތް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރައްވައިފައި ވެއެވެ. ރަށުއޮފީސް، މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހަމަޖެހި، ހިންގަން ފެށުނު މަދަރުސާގެ ހަމައެކަނި މުދައްރިސެއްގެ ގޮތުގައި ޢަބްދުލްމުޙްސިން ހުންނަވައިގެން، ފުރަތަމަ ކަމަކަށް އިސްކަން ދެއްވައިގެން ކުރެއްވީ، ރައްޔިތުން ތަޢުލީމަށް ހޭލުންތެރިކުރުވުމާއި، ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ ހުރިހާ ދަރިވަރުން ސްކޫލަށް ދާކަން ކަށަވަރު ކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ގްރޭޑް 1 ން 3 އަށް އަދި އުމުރުފުރައަށް ނުފެތޭ ދަރިވަރުންނަށް ޚާއްޞަ ކުލާހެއް ކުރިއަށް ގެންދެވުނެވެ. ސްކޫލް ފެށުނުއިރު ގްރޭޑް 3 އާ ހަމަޔަށް ކިޔަވައިދިން ކަމުގައިވިޔަސް، ޢަބްދުލްމުޙްސިން ޙަސަން ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު،
ގްރޭޑް 10އާ ހަމަޔަށް ސްކޫލްގެ ތަޢުލީމު ވަނީ ކުރިއަށް ގެންގޮސްދެއްވައިފައެވެ.

ކިނޮޅަހު ސްކޫލްގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޢަބްދުލްމުޙްސިން ޙަސަން ކުރެއްވިއެވެ. 2008 ވަނަ އަހަރު ކިނޮޅަހު ސްކޫލްގައި، ޘާނަވީ ތަޢުލީމުގެ ފެންވަރަށް ކިޔަވައި ދިނުމަށްޓަކައި 2007 ވަނަ އަހަރުގެ ފަހުކޮޅުގައި ރަށުން ބޭރުން ދަރިވަރުން ހޯދުމަށްޓަކައި ބެލެނިވެރިންނާއި، ރަށް ކުރިއަރުވާ ކޮމިޓީއާ ގުޅިގެން ޓާސްކް ފޯސްއެއް އުފައްދަވައި، ރަށުން ބޭރުން ދަރިވަރުން ހޯއްދަވައިގެން، ދަރިވަރުންގެ އަދަދު ހަމަކުރެއްވިއެވެ. މާލެ ވަޑައިގެން، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވައި، އެކަން ހަމަޖެއްސުމުގައި އެންމެބޮޑު ދައުރެއް އަދާކުރެއްވީ، ޢަބްދުލްމުޙްސިން ޙަސަނެވެ.

ޢަބްދުލްމުޙްސިން ޙަސަން ވަޒީފާ އަދާކުރެއްވިއިރު، ސްކޫލްގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކިކަހަލަ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް އިސްވެ ހުންނަވައިގެން މާލެއަށް ވަޑައިގެން، އެ ތަކެތި ސްކޫލަށް ގެނެސްދެއްވައިފައި ވެއެވެ.

ޢަބްދުލްމުޙްސިން ޙަސަން، ސްކޫލްގެ ލިޔެކިޔުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ބެލެނިވެރިންނާ ގުޅިގެން އެންމެ ފުރަތަމަ ކޮމްޕިއުޓަރ ސިސްޓަމެއް ހޯއްދަވައިދެއްވުމަކީ، ތަޢުލީމާމެދު ޢަބްދުލްމުޙްސިންގެ ހިތްޕުޅުގައި އުފެދިފައިވާ ލޯބި ހާމަކޮށްދޭ ކަމެކެވެ. އަދި ހަމަ މިއާއެކު، ސްކޫލްގެ ޖާގަ ތަނަވަސްކޮށްދެއްވައި، ފަށާ ތަޢުލީމުން ފެށިގެން ޘާނަވީ ތަޢުލީމާ ހިސާބަށް ދަރިވަރުންނަށް ކިޔެވޭނެ ފަދަ މާޙައުލެއް ޤާއިމުކޮށްދިނުމުގައިވެސް ޢަބްދުލްމުޙްސިން ވަނީ އެހީތެރިކަން ދެއްވައިފައެވެ.

ޢަބްދުލްމުޙްސިން ޙަސަނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ސްކޫލަށް އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، އެ މުވައްޒަފުންގެ ވަޒީފާގެ ބަޔާނާއި، ވަޒީފާގެ އެއްބަސްވުން ތައްޔާރުކުރައްވައި، އެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރައްވައެވެ. އަދި މުވައްޒަފުންގެ ފައިލްތަކާއި، އެޕްރައިޒަލްގެ ހުރިހާ ކަމެއް ބެލެހެއްޓެވީވެސް ޢަބްދުލްމުޙްސިން ޙަސަނެވެ.