އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ
ހުޅުމާލެ. ފްލެޓް 04-ޖީ-85

ޢަބްދުއްސައްތާރު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޖަނަވަރީ 1977 ގައި، އެއަރ މޯލްޑިވްސްގެ 1 ނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. 6 އޮކްޓޫބަރު 1977 ގައި އެ ވަޒީފާއިން މިނިސްޓްރީ އޮފް ފިޝަރީޒްގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގެން، އެ މިނިސްޓްރީގެ ފައިސާގެ ހިސާބުތައް ބަލަހައްޓަވައި، ފައިސާއާބެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެފަހުން، 17 ޖަނަވަރީ 1979 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 1 ނަންބަރު ކާތިބުގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތަކުން ވަޒީފާ ދެއްވާ މީހުންނާއި، ވަޒީފާއިން ވަކިކުރައްވާ މީހުންނާއި، ވަޒީފާ ބަދަލުކުރައްވާ މީހުންގެ ޗިޓުތައް ތައްޔާރުކުރައްވައި، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމުގެ މަސައްކަތް ޢަބްދުއްސައްތާރު ކުރައްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު މޫސާ، 10 އެޕްރީލް 1979 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއިން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.) އަށް ބަދަލުވެވަޑައިގެން، އެތާނގެ ކާތިބު ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެކައުންޓެންޓް ކަމާއި، ސީނިއަރ އެކައުންޓެންޓް ކަން ކުރެއްވިއެވެ. އެސް.ޓީ.އޯ. ގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެސް.ޓީ.އޯ.ގެ ވިޔަފާރި ބިލްތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރެވޭ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، އެސް.ޓީ.އޯ.ގެ ވިޔަފާރި އެކައުންޓުން ކުރަންޖެހޭ ޚަރަދުތަކާ ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެއްވުމާއި، އެސް.ޓީ.އޯ.ގެ ވިޔަފާރި ނަންބަރުތަކުގެ އެކައުންޓްތަކުގެ ހިސާބުތައް ބެލެހެއްޓެވުން ހިމެނެއެވެ.

5 ސެޕްޓެންބަރު 1991 ގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވަކީލު ކަމުގެ މަގާމަށް ޢަބްދުއްސައްތާރު މޫސާ ބަދަލުވެވަޑައިގެން، އެ މިނިސްޓްރީގެ ބަޖެޓް ސެކްޝަންގެ އިސް މުވައްޒަފެއްގެ ގޮތުން، އެ ސެކްޝަންގެ ކަންތައްތައް ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ. 1992 ވަނަ އަހަރާއި، 1993 ވަނަ އަހަރު، ނ. ތޮޅެންދޫ މީހުން، ނ. ކެނދިކުޅުދުއަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތަކުގައި، ޢަބްދުއްސައްތާރު މޫސާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރ. އުނގުލާއި ރ. ގާއުނޑޫދޫ މީހުން، ރ. ހުޅުދުއްފާރަށް ބަދަލުކުރުމާބެހޭ މަސައްކަތްތަކުގައިވެސް ޢަބްދުއްސައްތާރު މޫސާ އުޅުއްވައިފައިވެއެވެ. އަދި 23 މޭ 1993 ން 3 މާރިޗު 1994 އަށް، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނަވައިގެން، އެތަނުގެ ރީޖަނަލް އެއަރޕޯޓްސްއާ ބެހޭ ބައިގެ ފައިސާއާބެހޭ ކަންތައްތައް ބަލަހައްޓަވައިފައި ވެއެވެ.

3 މާރިޗު 1994 ން ފެށިގެން ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޢަބްދުއްސައްތާރު މޫސާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ވެލްފެއަރގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޑިރެކްޓަރ ކަމާއި، އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑިރެކްޓަރ ޖެނެރެލް ކަމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީއާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ އާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޑިރެކްޓަރ ޖެނެރަލްކަން ހިމެނެއެވެ. މި މަގާމުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، އެ މިނިސްޓްރީތަކާއި، އެ މިނިސްޓްރީތަކުގެ ދަށުން އޭރު ހިންގަމުން ގެންދިޔަ ތަންތާނގެ ފައިސާއާއި ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމުގެ އިސް ބޭފުޅެއްގެ ގޮތުގައްޔާއި، އެޗް.އާރު.އެމް.ޑީ. ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ޢަބްދުއްސައްތާރު މޫސާ ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 38 އަހަރާއި 2 މަހާއި 19 ދުވަހުގެ ތެރޭގައި، މައިގަނޑު ގޮތެއްގައި ކުރައްވައިފައިވާ މަސައްކަތްތަކަކީ، ފައިސާއާއި ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތް ކަމަށްވާއިރު، އެއްވެސް މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޢަބްދުއްސައްތާރު މޫސާ، 5 އެޕްރީލް 2015 ގައި ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

ޢަބްދުއްސައްތާރު މޫސާއަކީ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.