އަލްފާޟިލާ މަރްޔަމް ޒަރީރާ މުޙައްމަދު
ޖޭމުގަސްދޮށުގެ ސ. ފޭދޫ

މަރްޔަމް ޒަރީރާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކާތިބާ ކަމުގެ ވަޒީފާގައި 24 ޖަނަވަރީ 1984 ގައެވެ. 29 ޖުލައި 1986ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ކުރައްވަން ފެށްޓެވީ، 30 ޑިސެންބަރު 1986 ގައި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ 2 ނަންބަރު ކާތިބާއެއްގެ ވަޒީފާގައެވެ. ސ.ފޭދޫ އޮފީހަށް ބަދަލުވެވަޑައިގަތީ، 10 މޭ 1990 ގައެވެ. އޭގެފަހުން، ފޭދޫ އޮފީހުގެ ކާތިބާކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. މިހާރު މަރްޔަމް ޒަރީރާ މުޙައްމަދު އަދާކުރައްވަނީ، ފޭދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ ވަޒީފާއެވެ.

މަރްޔަމް ޒަރީރާ މުޙައްމަދަކީ، އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއްވެސް ކުރައްވާ ބޭފުޅެކެވެ. އެގޮތުން، ރަށުއޮފީހުގެ ލިޔެކިޔުންތަކާއި، އޮފީހުން ތަޙުޤީޤު ކުރާ މައްސަލަތަކުގެ ތަޙުޤީޤު ބަޔާންތަކާއި، ކޮމްޕިއުޓަރުން މަސައްކަތް ކުރަން ފެށުމާ ހަމަޔަށް ބޭއްވުނު އެކިއެކި އިންތިޚާބުތަކުގެ ވޯޓަރސް ރަޖިސްޓަރީ އަތުން ލިޔުއްވައި، ފޮނުވަންޖެހޭ މުއްދަތަށް ފޮނުއްވުމާއި، އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި، ގޯތީގެ ރަޖިސްޓަރީ، ވަކި ފޯމެޓަކަށް ލިޔުއްވައި ބެލެހެއްޓެވުމުގެ މަސައްކަތްވެސް މަރްޔަމް ޒަރީރާ މުޙައްމަދު ކުރެއްވިއެވެ.

ފޭދޫ އޮފީހުގެ ޔައުމިއްޔާއާއި، ޚާއްޞަ ޔައުމިއްޔާ ލިޔުއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، އެހެނިހެން މުދަލުގެ ސްޓޮކް ބެލެހެއްޓެވުމާއި، ފޭދޫ އަވަށު އޮފީހާއި، ގަން ކޮމިއުނިޓީ ސެންޓަރުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުއްވުމާއި، އޮފީހަށް ބަލައިގަންނަ ލިޔެކިޔުންތައް ބަލައިގަނެ، އެންޓްރީ ކުރުމަށްފަހު ސެކްޝަންތަކާ ހަވާލުކުރުންފަދަ މަސައްކަތްތައްވެސް މަރްޔަމް ޒަރީރާ މުޙައްމަދު ވަނީ ކުރައްވައިފައެވެ. މީގެއިތުރުން، އައްޑުއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އައިޑެންޓިޓީ ކާޑު ޔުނިޓުގެ ޓީމު އައުމުން، އެ ޓީމާއެކު މަސައްކަތް ކުރައްވައި، އައި.ޑީ. ކާޑުތައް ލިޔުއްވުމާއި، އައްޑުއަތޮޅުގެ ގުޅިފައިވާ ރަށްރަށުގެ މީހުންގެ އައި.ޑީ. ކާޑު ހެދުމަށް އެ ބޭފުޅުންނާއެކު ރަށްރަށަށް ވަޑައިގެން، ކާޑު ހެދުމުގެ މަސައްކަތްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ.

މަރްޔަމް ޒަރީރާ މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ދިމާވާ ކަންކަމުގައި އެހީތެރިވެދެއްވައި، ކުރީގެ ލިޔެކިޔުންތައް ހޯދުމުގައި އެހީތެރިވެދެއްވައި، ދުވަސްވީ މީހުންނާބެހޭ މަޢުލޫމާތު ހޯއްދަވައިދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މަރްޔަމް ޒަރީރާ މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.