އަލްފާޟިލް އާދަމް އިސްމާޢީލް
ޚަލީފާ ޅ. ހިންނަވަރު

އާދަމް އިސްމާޢީލް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 9 ޖަނަވަރީ 1985 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ޑެކް ކްރޫ، ސްކިޕް ޖެކް، ޑެކް ކްރޫ، ކަލެކްޓަރ ވެސަލްސް އަދި ބޯސަން، ކަލެކްޓަރ ވެސަލްސް ކަމާއި، ސީނިއަރ ބޯސަން، ފްލީޓްކަން ކުރައްވައިފައި ވެއެވެ.

އާދަމް އިސްމާޢީލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވިއިރު، ބޯޓުފަހަރުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފެލިވަރަށް ބޭނުންވާ މަސްގަތުމުގެ މަސައްކަތުގައި، ރެޔާއި ދުވާލު ބޯޓުގައި ކަނޑުމަތީގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައިވާ ކަމާއި، ދިގު މުއްދަތެއް ވަންދެން ފެލިވަރުގެ ބޯޓުފަހަރުގައި މަސައްކަތް ކުރެއްވިއިރު، އާދަމް އިސްމާޢީލް ފާހަގަކުރެވިފައި ވަނީ ހާޒިރީއަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައެވެ.

އާދަމް އިސްމާޢީލް، ފެލިވަރު ބޯޓުފަހަރުގައި މަސައްކަތް ކުރެއްވިއިރު، ބޯޓުގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނާ ގުޅޭ ކަންތައްތައް، ވަރަށް ގާތުން ބައްލަވައިފައި ވެއެވެ. ބޯޓަށް ބޭނުންވާ ކާބޯތަކެއްޗާއި، ފެނާއި، ތެލުގެ އިތުރުން، މަރާމާތަށް ބޭނުންވާނޭ ހުރިހާ ތަކެއްޗެއްވެސް އާދަމް އިސްމާޢީލްގެ ސީދާ ބެއްލެވުމުގެ ދަށުން ހަމަކުރައްވައި، މަސްގަތުމުގެ މަސައްކަތަށް ބޭނުންވާނެ ކަންކަން ފުރިހަމަކުރައްވައިފައި ވެއެވެ.

އާދަމް އިސްމާޢީލަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ފެލިވަރު ބޯޓުފަހަރުގައި މަސައްކަތްކުރާ އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އަދި ބޯޓުގައި ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، ކަނޑުމަތީގައި އުޅޭއިރު ދިމާވެދާނެ ހާލަތުތަކަށް ބޯޓުގެ މުވައްޒަފުން ހޭލުންތެރިކުރުވުމުގައި އިސްނަންގަވައިގެން ކަންކަން ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އާދަމް އިސްމާޢީލަކީ، މޫސުމަށް ބެއްލެވުމެއްނެތި، އަތްވާއި ވާރޭގައި، ކިތަންމެ ކަނޑުގަދަވިޔަސް، ފެލިވަރަށް ބޭނުންވާ މަސް ހޯދުމަށް ތަފާތު ބަނދަރުތަކަށް ދަތުރުކުރައްވައި، ކުންފުނި ފަޚުރުވެރިވާފަދަ ގިނަ މަސައްކަތްތަކެއް ކުރައްވައި އަދި ދިވެހި މަސްވެރިންނާ ގާތް ގުޅުމެއް ބާއްވަވާ އޯގާތެރި ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.