އަލްފާޟިލް ޢަލީ އިބްރާހީމް
ދަފްތަރު. ނަންބަރު ރސ 6563، މާލެ

ޢަލީ އިބްރާހީމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1985 ގައެވެ. ޢަލީ އިބްރާހީމަކީ، މަސްވެރިން އަތުން މަސްގަނެ، މަސް ފިނިކޮށް، ރައްކާކޮށް އަދި މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައި 38 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، އަދިވެސް އެ ކުންފުނީގެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

ޢަލީ އިބްރާހީމް ފާހަގަކުރެވިފައި ވަނީ، މިފްކޯގައި ވަރަށް ފަރުވާތެރިކަމާއެކު، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި މަސްކިރާ ބޯޓުފަހަރުގެ އިންޖިނިއަރިންގ އެންމެހައި މަސައްކަތްތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު، ބޯޓުގެ ޗީފް އިންޖިނިއަރެއްގެ ހައިސިއްޔަތުން ޢަލީ އިބްރާހީމް ވަރަށް ފުރިހަމައަށް އަދާކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ޢަލީ އިބްރާހީމަކީ، ހަވާލުކުރެވޭ ޓެކްނިކަލް މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޢަލީ އިބްރާހީމަކީ، 1985 ވަނަ އަހަރު އޮއިލަރެއްގެ ވަޒީފާއިން ކުންފުނީގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެން ގިނަ މަގާމުތަކެއް ފުރުއްވައި، 2014 ވަނަ އަހަރު ޗީފް އިންޖިނިއަރެއްގެ މަގާމަށް ބަދަލުވެވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ.

ޢަލީ އިބްރާހީމްގެ ދަށުން މަސައްކަތްކުރި މުވައްޒަފުންނަށް ކަމާބެހޭ ތަމްރީނުތައް، ޢަލީ އިބްރާހީމް ދެއްވައިފައި ވެއެވެ. އަދި އޭގެތެރެއިން ބައެއް މުވައްޒަފުން، ކުންފުނީގެ އިސް ބައެއް މަގާމުތަކުގައި މިހާރު ތިއްބެވިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޢަލީ އިބްރާހީމަކީ، މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި ވަރަށް ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާއި، ހީވާގިކަމާއެކުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ހާޒިރީއަށް ފަރުވާތެރި، ވަގުތަށް ކަންކަން ނިންމަވާ ބޭފުޅެއްވެސް މެއެވެ.