އަލްފާޟިލް ޙަސަން ޢަލީ
އާރު ހއ. ފިއްލަދޫ

ޙަސަން ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެއަރޕޯޓް އޮފީހުގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާގައި، 3 ނޮވެންބަރު 1973 ގައެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ހއ. ފިއްލަދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ 2 ނަންބަރު ކާތިބު ކަމާއި، ފިއްލަދޫ ކުޑަކަތީބު ކަމާއި، ފިއްލަދޫ ކަތީބުކަން ކުރައްވައިފައި ވެއެވެ.

ޙަސަން ޢަލީ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ފިއްލަދޫ އޮފީހާއި، ފިއްލަދޫ ކައުންސިލް އިދާރާގެ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި، ގޭގެ މީހުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، ރަށުގެ މަގުތަކަށް ނަންކިޔުމާއި، ދޫކުރާ ގޯތިތަކުގައި ހުންނަ ރުއްގަހަށް ބަދަލުދިނުމުގެ ކަންކަންވެސް ކުރައްވައިފައި ވެއެވެ. އަދި ފިއްލަދޫ އޮފީސް އަދި މިހާރު ކައުންސިލްގެ އިދާރާ ހިންގަމުންގެންދާ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި ފިއްލަދޫ ހުކުރު މިސްކިތް ބިނާކުރުމުގެ މަސައްކަތުގައިވެސް އިސްވެ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އޭރުގެ ރަށްކުރިއަރުވާ ކޮމިޓީގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި ހީވާގިކަމާއެކު އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

ޙަސަން ޢަލީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ފިއްލަދޫ އޮފީހުގެ އިތުރުން، އަތޮޅުގެ އެހެން ރަށްރަށުގެ ރަށުއޮފީސްތަކުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ބައެއް ރަށްރަށުގައި ދިމާވި ބޮޑެތި މައްސަލަތައް ތަޙުޤީޤުކުރައްވައި ޙައްލުކުރެއްވުމަށް އަތޮޅުއޮފީހުގެ ފަރާތުން ފޮނުއްވި މަންދޫބެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި މާލޭގައި ބޭއްވި އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒަށް ހއ. އަތޮޅުގެ ހުރިހާ ރަށަކުން ތައްޔާރުކުރި ތަކެއްޗާ ހަވާލުވެވަޑައިގެން، މާލެއަށް ވަޑައިގެން، އަތޮޅު ތަމްސީލު ކުރެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޙަސަން ޢަލީގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ، އޭރު ފިއްލަދޫގައި ރަށުގެ ދަރިންނަށް ތަޢުލީމު ދޭނެ ސަރުކާރުގެ އެއްވެސް މަދަރުސާއެއް ނެތުމުގެ ސަބަބުން އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ރަށުގެ ރައްޔިތުންގެ ނަމުގައި ފިއްލަދޫ އޮފީހުގެ ބެއްލެވުމުގެ ދަށުން މަކްތަބެއް އުފައްދަވައިގެން، ރަށުގެ ދަރިންނަށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްދެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވުމެވެ. މީގެއިތުރުން، ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ލިޔަންކިޔަން ނުދަތުން ފުހެލުމަށްޓަކައި ރަށުގައި ކުރެވުނު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ލިޔަންކިޔަން ދަސްކޮށްދެއްވުން ހިމެނެއެވެ. މީގެއިތުރުން، ފިއްލަދޫ މަދަރުސަތުއްޞަބާޙުގެ ނާޒިރެއްގެ ހައިސިއްޔަތުންވެސް ޙަސަން ޢަލީ ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ސުނާމީ ކާރިސާގެ ސަބަބުން ފިއްލަދުއަށް ދިމާވި އުނދަގޫ ހާލަތުގައި ރަށުގެ ކަންކަން ޙައްލުކުރެއްވުމަށް ރަށުގެ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައި ވެއެވެ.

ޙަސަން ޢަލީއަކީ އިޖުތިމާޢީ ގޮތުންވެސް ތަފާތު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، އިންޑިއާގެ ނޭވީންގެ ބަޔަކު އިންޑިއާ ކަނޑުގައި ބެހިގެން އޮޔާދަނިކޮށް، އެ މީހުން ސަލާމަތްކޮށްދީ، ފިއްލަދުއަށް ގެންނަވައިގެން އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. އަދި ދައްޕަރު ބަނދަރަށް އަންނަ ބޭރުގެ ޔޮޓްފަހަރަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުންވެސް ގެންދަވައެވެ.