އަލްފާޟިލް ޔޫސުފް ޙުސައިން
ގާލްފީސް ޅ. ހިންނަވަރު

38 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ޔޫސުފް ޙުސައިން، ޚިދުމަތް ކުރައްވަން ފެށްޓެވީ، އެފް.ޕީ.އައި.ޑީ.ގެ އެމް.ވީ.ފަރެސް ބޯޓުގެ އޮއިލަރުގެ ވަޒީފާގައި 13 އޮކްޓޫބަރު 1984 ގައެވެ. އޭގެފަހުން އެމް.ވީ. ވެލިގަނޑު ބޯޓުގެ މެކޭނިކް ކަމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑީ.އެމް.ޕީ. ބޯޓުގެ އިންޖިނިއަރ ގްރޭޑް 6 ކަމާއި، އިންޖިނިއަރ ގްރޭޑް 5 ކަމާއި، އިންޖިނިއަރ ގްރޭޑް 4 ކަމާއި، އިންޖިނިއަރ ގްރޭޑް 3ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި އެމް.ވީ. ރަމޯރާ 5ގެ އިންޖިނިއަރ ގްރޭޑް 3 ކަމާއި، އެމް.ޓީ. ބަރޯސާ 102ގެ އިންޖިނިއަރ ކްލާސް 2 ކަމާއި، ކަނޑުއޮތްގިރި ފިޝް ވިލެޖުގެ އެސިސްޓެންޓް އިންޖިނިއަރގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. ޔޫސުފް ޙުސައިން މިހާރު ހުންނެވީ، ކަނޑުއޮތްގިރި ފިޝް ވިލެޖުގެ ޕްލާންޓް އިންޖިނިއަރގެ މަގާމުގައި، އިންޖިނިއަރިންގ ޑިޕާޓްމަންޓް ހިންގަވާ އިސްބޭފުޅެއްގެ ގޮތުގައެވެ.

މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ޔޫސުފް ޙުސައިން ކުރައްވައިފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް، 2007 ވަނަ އަހަރު މިފްކޯގައި 20 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ ހަނދާނީ ލިޔުމާއި، އަދި 2019 ވަނަ އަހަރު މިފްކޯގައި 30 އަހަރު ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަމުގެ ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ. އަދި ކަނޑުމަތީގައި ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު އެކަމުގެ ހަނދާނީ ލިޔުންވެސް ޔޫސުފް ޙުސައިނަށް ލިބިވަޑައިގެންފައި ވެއެވެ.

ޔޫސުފް ޙުސައިނަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދެއްވުމުގައި ޒިންމާދާރުކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މަސައްކަތް ކުރައްވާ ތަނުގެ ކުރިއެރުމަށް ޚިޔާލު ދެއްވައި، މެނޭޖްމަންޓާ ގުޅިގެން ކަންކަން ރަނގަޅު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އެހެން މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ނަމޫނާ ދައްކަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.