އަލްފާޟިލް ޢަބްދުﷲ އަޙްމަދު ޒުހުރީ
ފަރެސް އަވަށް. ހަވާއީ، ގދ.ފަރެސްމާތޮޑާ

ޢަބްދުﷲ އަޙްމަދު ޒުހުރީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ 5 ޖަނަވަރީ 1980 ގައެވެ. އެއީ، ގދ. ފަރެސް ކޯޓުގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. އެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ 15 ޖޫން 1980 ގައެވެ. އޭގެ ފަހުން، ޚިދުމަތް ފެށްޓެވީ 4 އޮކްޓޫބަރު 1983 ގައެވެ. އެއީ، ގދ. ފަރެސް ކޯޓުގެ ހައުސްކީޕަރެއްގެ މަގާމުގައެވެ. 39 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 65 އަހަރު ވެގެން ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 16 ޖޫން 2022 ގައެވެ.

ޢަބްދުﷲ އަޙްމަދު ޒުހުރީ، ވަޒީފާ އަދާކުރެއްވިއިރު، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކޯޓުން ބަލާ މައްސަލަތަކާ ގުޅިގެން މީހުން ކޯޓަށް ހާޒިރުކުރުމާއި، އޮފީހަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރެއްވުމުގައި ފަރުވާތެރިކަމާއި ހީވާގިކަމާއެކު، ކަނޑައެޅިފައިވާ ގަޑިއަށް އެކަމެއް ނިންމުމަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ކޯޓުގެ ލިޔެކިޔުންތައް ފައިލް ކުރެއްވުމާއި، މައްސަލަތަކާ ގުޅޭ ފައިލްތައް ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓެވުމުގެ މަސައްކަތް ވަނީ ކުރައްވައިފައެވެ. އަދި ކޯޓުގެ އިމާރާތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުގެ މަސައްކަތްތައްވެސް އަމިއްލައަށް އިސްނަންގަވައިގެން ޢަބްދުﷲ އަޙްމަދު ޒުހުރީގެ ސީދާ ބެއްލެވުމުގެ ދަށުން ވަނީ ކުރައްވައިފައެވެ.

ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ޢަބްދުﷲ އަޙްމަދު ޒުހުރީ ވަނީ، އޮފީހުން ކުރިއަށް ގެންދިޔަ ޚާއްޞަ އެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، މިނިވަންދުވަހާއި، ޤައުމީ ދުވަސް ފަދަ ޤައުމީ އިޙްތިފާލުތަކަށް ކޯޓުގެ އިމާރާތް ޒީނަތްތެރިކޮށް ތައްޔާރުކުރުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ޢަބްދުﷲ އަޙްމަދު ޒުހުރީ ފާހަގަކުރެވިފައި ވަނީ، ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކު މަސައްކަތަށް އިސްކަންދެއްވައިގެން، ވަޒީފާ އަދާކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޢަބްދުﷲ އަޙްމަދު ޒުހުރީ، ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ހައުސްކީޕަރުގެ މަގާމުގައެވެ.