ފަސްޓް ސާރޖަންޓް މޫސާ އިބްރާހީމް
ތުނޑި. އުރަހަ، ލ. ގަން

ފަސްޓް ސާރޖަންޓް މޫސާ އިބްރާހީމަކީ، 1984 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު، 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން، ހިތްވަރާއެކު ނަމޫނާ ދައްކަވައި، ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ފަސްޓް ސާރޖަންޓް މޫސާ އިބްރާހީމް، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، އަދި ސާރޖަންޓް ފަސްޓް ކްލާސް ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. މޫސާ އިބްރާހީމަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފަރުވާތެރި، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ވަގުތަށް ކަމޭހިއްތަވައިގެން، ޤާބިލުކަމާއި ތެދުވެރިކަމާއެކު، އެ ކަމަކަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ސިފައިންގެ ޚިދުމަތުގައި، ފަސްޓް ސާރޖަންޓް މޫސާ އިބްރާހީމް މި ހޭދަކުރެއްވި ދިގު މުއްދަތުގައި، ޤައުމަށް ދިމާވި ބޮޑެތި ކަންކަން ޙައްލުކޮށްދެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި އެންމެހައި މަސައްކަތްތަކުގައްޔާއި، 2011 ވަނަ އަހަރު ސާރކް ސަމިޓް ބޭއްވުމަށްޓަކައި އައްޑުއަތޮޅުގައި ކުރެވުނު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ފަންނީ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

ފަސްޓް ސާރޖަންޓް މޫސާ އިބްރާހީމަކީ، މި ވޭތުވެދިޔަ ދިގު މުއްދަތުގައި ސިފައިންގެ ޢުމްރާނީ ތަރައްޤީއަށް ކުރެވުނު އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާއެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ފަސްޓް ސާރޖަންޓް މޫސާ އިބްރާހީމް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ ހިމެނެއެވެ. ޚާއްޞަ ޚިދުމަތުގެ ކުލަ، ދެފަހަރު އަދި އަޚްލާޤީ ކުލަ، ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ މެޑެލްތަކުގެ ތެރޭގައި، ޖިހާދުގެ ރަތް މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް، މިނިވަން 50ގެ މެޑެލް އަދި ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.