އަލްފާޟިލް ޙުސައިން ޢަލީ
ދުވެލި ހދ. ނޮޅިވަރަން

ޙުސައިން ޢަލީ، ޚިދުމަތް ކުރައްވަން ފެށްޓެވީ، ހދ. ނޮޅިވަރަމު ކޯޓުގެ ކާތިބު ކަމުގެ ވަޒީފާގައި 18 އޮކްޓޫބަރު 1983 ގައެވެ. މިހާރު ހުންނެވީ، ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 39 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ކްލާކް ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރެއްވިއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އެ ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފަދަ ލިޔުންތައް ޙުސައިން ޢަލީ ފަރުވާތެރިކަމާއެކުގައި ރީތިކޮށް އަތުން ލިޔުއްވައިފައި ވެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ހައްދަވައިގެން އަމިއްލަފުޅަށް ގޭގެއަށް ވަޑައިގެން، ޗިޓު ރައްދުކުރުންފަދަ މަސައްކަތްތައްވެސް ޙުސައިން ޢަލީ ކުރައްވައިފައި ވެއެވެ.

ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޙުސައިން ޢަލީ ކުރެއްވިއެވެ. ހަމަ އެހެންމެ، ރަށަށް ޒިޔާރަތްކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަންޖެހޭ ކަންކަންވެސް ފަރުވާތެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ. ޙުސައިން ޢަލީއަކީ މިހާރުވެސް ވަޒީފާގައި ދެމިހުންނެވި ބޭފުޅަކަށް ވުމުން، މި މުއްދަތުގެ ތެރޭގައި، މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޙުސައިން ޢަލީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވަމުން ގެންދަވައެވެ. ކޯޓުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ކަންކަން ކުރަންވީގޮތް އޮޅުންފިލުއްވައިދެއްވައި، އަތޮޅުގެ ބައެއް ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކޯޓަށް އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް، ކޯޓުގައި ކަންކަން ހިންގަމުންގެންދާ ގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.