އަލްފާޟިލާ ޝީރީނާ ޢަލީ
މޫނިމާގެ މ. ދިއްގަރު

ޝީރީނާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 އޮގަސްޓު 1983ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމުންނެވެ. މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޝީރީނާ ޢަލީ މިހާރު ހުންނެވީ، ދިއްގަރު ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.

ޝީރީނާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވިއިރު، ޢާއިލާގެ އެހީތެރިޔާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، އުފަންވަނިވި ޞިއްޙަތާ ގުޅުންހުރި މަސައްކަތްތަކެވެ. މިގޮތުން، މާބަނޑު މީހުން ބެލުމާއި، ކުޑަކުދިންގެ ހެދިބޮޑުވުމާއި، އާންމު ބަލިތަކަށް ފަރުވާދިނުން ފަދަ ކަންކަން ކުރެއްވިއެވެ. މީގެއިތުރުން، ރަށުގައި ފެތުރޭ ބަލިތަކާމެދު ރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންގެންދާ މީހުންގެ ގޭގެޔަށް ވަޑައިގެން، ބޭސް ދެއްވުން ހިމެނެއެވެ.

މީގެއިތުރުން، ޖުޒާމް ބައްޔާއި، މެލޭރިއާއާއި، ފައިލޭރިއާއި، އަދި ހިމަބިހި ފަދަ ބަލިތައް ނައްތައިލުމުގެ ގޮތުން، ރަށުގެ ޞިއްޙީ އިސް މޭސްތިރިއެއްގެ ގޮތުގައި ޝީރީނާ ޢަލީ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތައިލުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއެކު، ރަށުގެ އެހެނިހެން މުއައްސަސާތައް ބައިވެރިކޮށްގެން މިފަދަ ޕުރޮގުރާމުތައް ރާއްވަވައި ހިންގަވައިފައި ވެއެވެ. ރަށުގައި ލެބޯރެޓަރީއެއްގެ ޚިދުމަތް ލިބެން ނެތް ދުވަސްވަރު، ލޭ ނެގުމަށްފަހު ޓެސްޓުތައް ހެދުމަށް ސާމްޕަލްތައް މާލެ ފޮނުއްވުމުގައި، ޝީރީނާ ޢަލީ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ރަށުގައި ޞިއްޙީ ޚިދުމަތް ދޭނެ ވަކި އިމާރާތެއް ހޯދައިދިނުމާއި، ރަށުގައި މަސައްކަތް ކުރައްވާނެ ޑޮކްޓަރެއް ހޯއްދެވުމަށްވެސް ޝީރީނާ ޢަލީ ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ހަމައެއާއެކު، ޝީރީނާ ޢަލީއަކީ ޞިއްޙީ ދާއިރާއަށް އަންހެނުން ނެރުމަށް ހިތްވަރު ދެއްވައި، އެކަމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޚިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާގެ އުޞޫލުތަކާ ޚިލާފުވެގެން ޝީރީނާ ޢަލީއާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

މި ވަޒީފާ އަދާކުރައްވަމުން، ޝީރީނާ ޢަލީ ވަނީ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެން، ރަށުގެ އަންހެނުންގެ އިސް ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން، ގިނަ ޚިދުމަތްތަކެއްވެސް ކުރައްވައިފައެވެ. މި މަސައްކަތްތަކުގެ ތެރެއިންވެސް ޝީރީނާ ޢަލީ ވަނީ ރަށުގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައެވެ.

މަސްވެރިކަމުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރި ގޮތަކަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް، އ.ދ.ގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމުޢިއްޔާއިން ދޭ މެޑެލް، 1998 ވަނަ އަހަރު ހާސިލުކުރައްވައިފައިވާތީ، 1999 ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޝީރީނާ ޢަލީއަށް ލިބިވަޑައިގެންފައި ވެއެވެ.