އަލްފާޟިލް އަޙްމަދު ޒާހިރު
ސައިން ގދ. ތިނަދޫ

އަޙްމަދު ޒާހިރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ނޮވެންބަރު 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޯޑިޓް އޮފީހުގެ ވަގުތީ ކާތިބު ކަމެވެ. އޭގެފަހުން، އެ އޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، އެސިސްޓެންޓް އޮޑިޓް އެކައުންޓެންޓް ކަމުގެ މަގާމާއި، އޮޑިޓް އެކައުންޓެންޓް ކަމުގެ މަގާމު އަދާކުރެއްވިއެވެ. 17 ޑިސެންބަރު 1987ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މަސްވެރިކަމުގެ ޞިނާޢަތުގައެވެ. އެގޮތުން، މަސްވެރިންގެ އަތުން މަސްގަނެ، މަސް ފިނިކޮށް، ރައްކާކޮށް އަދި އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 31 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. އަދި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

އަޙްމަދު ޒާހިރު ވަނީ، ކުންފުނީގައި އޮޕަރޭޓް ކުރާ މަސްބޯޓުފަހަރުގެ އެސިސްޓެންޓް ސްކިޕަރ ކަމުގެ މަގާމުން ފެށިގެން ކުންފުނީގެ އެގްޒެކެޓިވް ލެވެލްގައި މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، އަޙްމަދު ޒާހިރު ވަނީ މަސްކިރުވާ ބޯޓުފަހަރުގައި، 22 އަހަރަށްވުރެ ގިނަ ދުވަހު ކަނޑުމަތީގައި މަސައްކަތް ކުރައްވައިފައެވެ. މީގެއިތުރުން، އެގްޒެކެޓިވް އަދި މެނޭޖްމަންޓް ލެވެލްގައި އަޙްމަދު ޒާހިރު މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު 14 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި، އެޗް.އާރު. އެންޑް އެޑްމިނިސްޓްރޭޝަންގައްޔާއި، ކޮމްޕެނީ ސެކްރެޓޭރިއެޓްގައްޔާއި، އޮޕަރޭޝަން އެންޑް ލޮޖިސްޓިކްސްގެ ދާއިރާގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އެގޮތުން، މިހާރު އަޙްމަދު ޒާހިރާ ހަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މަސްވެރިން ބާނާ މަސް، ތާޒާކަންމަތީގައި ކިރުވުމަށް ކުރަންޖެހޭ ކަންތައްތައް އަޙްމަދު ޒާހިރުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުން ހިމެނެއެވެ.

މަސްވެރިން ބާނާ މަސްގަތުމަކީ، އަބަދުވެސް ސަރުކާރުން އިސްކަމެއް ދެއްވާ ކަމަކަށްވީހިނދު، މަސްވެރިން ބާނާ މަސް، މެދުނުކެނޑި ކިރޭނޭ އިންތިޒާމު ހަމަޖެއްސެވުމަށް ކުރައްވަންޖެހޭ މުހިންމު މަސައްކަތްތައް އަޙްމަދު ޒާހިރު ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް މަސްވެރިންގެ ކޯލްތަކަށް ޖަވާބު ދެއްވައި، މިފްކޯގެ ސެންޓަރުތަކުގައި މަސް ރައްކާކުރުމުގެ ޖާގައަށް ބުރޫނާރާނޭހެން މަސައްކަތްތައް ރޭވުމަށް އިރުޝާދު ދެއްވައި، މިފްކޯއަށް ދިމާވެފައިވާ މަސް ރައްކާކުރުމުގެ ޖާގައަށް ޙައްލެއް ހޯދުމުގެ ގޮތުން، މަސްކިރާ ބޯޓުފަހަރު ހޯއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މެނޭޖްމަންޓާ ގުޅިގެން އަޙްމަދު ޒާހިރު ކުރައްވަމުން ގެންދަވައެވެ.