އަލްފާޟިލް ޙުސައިން މުޙައްމަދު
ވީނަސްގެ ޅ. ހިންނަވަރު

ޙުސައިން މުޙައްމަދު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލް 1983 ގައެވެ. މިފްކޯގައި ޚިދުމަތް ކުރައްވަމުން ގެންދަވަތާ މިވީ 40 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް ޙުސައިން މުޙައްމަދު އަދާކުރައްވައިފައި ވެއެވެ.

ޙުސައިން މުޙައްމަދު ފުރަތަމަ އަދާކުރެއްވީ، ކަލެކްޓަރ ވެސަލްސްގެ ޑެކް ކްރޫ ކަމެވެ. އޭގެފަހުން، ސްލިޕްވޭގެ ރިޕެއަރމަން 2 ކަމާއި، ސްކިލްޑް ޓެކްނީޝަން ގްރޭޑް 1 ކަމާއި، ސްކިލްޑް ޓެކްނީޝަން ގްރޭޑް 2 ކަމާއި، ޖޫނިއަރ މެކޭނިކް ގްރޭޑް 2 ކަމާއި، ޖޫނިއަރ މެކޭނިކް ގްރޭޑް 3 ކަމާއި، މެކޭނިކް ގްރޭޑް 3 ކަމާއި، އަދި މެކޭނިކުކަން ކުރައްވައިފައި ވެއެވެ. ޙުސައިން މުޙައްމަދު މިހާރު ހުންނެވީ، ފެލިވަރު ސްލިޕްވޭގެ ސީނިއަރ މެކޭނިކުގެ މަގާމުގައެވެ.

ޙުސައިން މުޙައްމަދު، މެކޭނިކެއްގެ ވަޒީފާ އަދާކުރެއްވިއިރު، ފެލިވަރު ސްލިޕްވޭގައި ޢަމަލީގޮތުން ކުރަންޖެހުނު ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގެން އަދި މެކޭނިކަލް ހުރިހާ މަސައްކަތްތައް ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ޙުސައިން މުޙައްމަދަކީ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި، ކަމަށްކަމޭހިއްތަވައިގެން ކުރައްވާ، އަދި މަސައްކަތްތައް ނިންމަންޖެހޭ ވަގުތަކަށް އެ މަސައްކަތެއް ނިންމަވާ ބޭފުޅެކެވެ. ޙުސައިން މުޙައްމަދަކީ، ފެލިވަރުގައި ކުރަންޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްވެސް މެއެވެ.

ޙުސައިން މުޙައްމަދަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން، އެ ދާއިރާގެ މެކޭނިކަލް މަސައްކަތްތަކަށް ތަމްރީނުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ފެލިވަރަކީ ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތްކުރާ ކާރުޚާނާއަކަށްވެފައި، އެ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ މެޝިނަރީތައް ބެލެހެއްޓެވުމާއި، މަރާމާތު ކުރުމާއި، އޯވަރހޯލް ކުރުންފަދަ ހުރިހާ މަސައްކަތެއް ޙުސައިން މުޙައްމަދުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވައެވެ. ޙުސައިން މުޙައްމަދަކީ ފެލިވަރުގައި މަސައްކަތް ނުކުރާ ބަންދު ދުވަސްތަކުގައިވެސް، މެޝިންތައް ރަނގަޅަށް ޗެކް ކުރައްވައި، އެއްވެސް މައްސަލައެއް ޖެހިފައި ހުރިތޯ ބައްލަވައި، އަލުން މަސައްކަތް ފެށެންވާއިރަށް އެއްވެސް މައްސަލައެއް ޖެހިފައިވާކަން ފާހަގަކުރެއްވިއްޖެނަމަ، އެކަމެއް ރަނގަޅު ކުރައްވައި، ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަދި ޙުސައިން މުޙައްމަދަކީ، ގިނަ ވަގުތުތަކެއްގައި ހީވާގިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.