އަލްފާޟިލް ޔޫސުފް އިބްރާހީމްކޮއި
ސެމިނަރ ގދ. ތިނަދޫ

ޔޫސުފް އިބްރާހީމްކޮއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލް 1983 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ހޯކޯ މޯލްޑިވްސްއާއި، އެފް.ޕީ.އައި.ޑީ.ގެ ބޯޓުފަހަރުގެ ޑެކް ކްރޫ ކަމާއި، މިފްކޯގެ ބޯޓުފަހަރުގެ ޑެކް ކްރޫ ކަމާއި، ބޯސަން ކަމާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖެޓީ ފޯމަން ކަމާއި، ކޯލްޑް ސްޓޯރޭޖްގެ ސީނިއަރ ފޯމަން ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ. އަދި މިހާރު ހުންނެވީ، ކޯލްޑް ސްޓޯރޭޖްގެ ސައިޓް ސުޕަވައިޒަރެއްގެ މަގާމުގައެވެ.

ޔޫސުފް އިބްރާހީމްކޮއި، ވަޒީފާ އަދާކުރެއްވިއިރު، ބޯޓުފަހަރުގެ ދަބަރުތަޅައި، ދަވާދުލައި، ބޯޓަށް ގަންނަ މަހުގެ ކޮލިޓީ ބަލައި، ސައިޒް ވަކިކޮށް، ފިނިކުރާ ދުމަށިތަކުގައި ޖަހައި، ފަލްކާތަކަށް މަސްއަޅައި، އެއްބޯޓުން އަނެއް ބޯޓަށް މަސް ބަދަލުކުރުންފަދަ އެންމެހައި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފަހުން ބޯޓުގެ ބޯސަންގެ މަގާމަށް ބަދަލުވެވަޑައިގަތުމާއެކު، ޑެކްގައި މަސައްކަތް ކުރާ ކްރޫންގެ މަސައްކަތްތަކަށް އެހީތެރިވެދެއްވައި، ބޯޓުގައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒް ކުރައްވައިފައި ވެއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖެޓީ ފޯމަނެއްގެ ގޮތުން، ޔޫސުފް އިބްރާހީމްކޮއި މަސައްކަތް ކުރެއްވިއިރު، ޖެޓީގައި މަސައްކަތްކުރާ ލޭބަރުންނަށް މަސައްކަތް ދައްކަވައި، މަސައްކަތްތައް ސުޕަވައިޒް ކުރައްވައި، ލޭބަރުންނާ ގުޅިގެން ޖެޓީގައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޔޫސުފް އިބްރާހީމްކޮޔަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ކުންފުނީގެ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން ވަޒީފާގެ މާޙައުލުގައި ކުރަންޖެހޭ ކަންކަމަށް، އެ މުވައްޒަފުންނަށް ތަމްރީނު ދެއްވައިފައި ވެއެވެ. ޔޫސުފް އިބްރާހީމްކޮޔަކީ، ހުރިހާ ގޮތަކުންވެސް ކުންފުންޏަށް މުހިންމު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު މުވައްޒަފެކެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާގެ އުސޫލުތަކާ ޚިލާފުވެގެން ޔޫސުފް އިބްރާހީމްކޮޔާމެދު ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.