އަލްފާޟިލާ ޝާހިދާ ޢަލީ
މ. ޝާހީހިޔާ

ޝާހިދާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އިނގިރޭސި ކާތިބާ ކަމުގެ ވަޒީފާގައި 18 މޭ 1982 ގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އިނގިރޭސި ކާތިބާ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ކާތިބާ ކަމާއި، ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން ހިންގާ ބައިނަލްއަޤުވާމީ އިމްތިޙާނުތައް ކަމަށްވާ ޖީ.ސީ.އީ. އޯލެވެލް އާއި، އޭލެވެލް، އޮންޑިމާންޑް އިމްތިޙާނާއި، އައި.އީ.އެލް.ޓީ.އެސް. އިމްތިޙާނުތައް ބެލެހެއްޓުމުގެ އިދާރީ މަސައްކަތާއި، އެ އިމްތިޙާނުތަކުގެ ސުވާލު ކަރުދާސްތައް ރާއްޖެއަށް އައުމުން، އެއަރޕޯޓުން މާލެއަށް ގެންނަވައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސެކިއުރިޓީ ރޫމަށް ވެއްދުމުގެ މަސައްކަތް ޝާހިދާ ކުރައްވައިފައި ވެއެވެ. އަދި އިމްތިޙާނު ކަރުދާސްތައް ޝޯޓްއައުޓްކޮށް ޕެކް ކުރުމާއި، ރާއްޖޭގައި ބާއްވާ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނާއި، ހަޔަރ ސެކަންޑަރީ ސްކޫލްގެ ސެޓުފިކެޓު އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ކޮލޭޓްކޮށް ހީރަސްޖެހުމާއި، ޕެކް ކުރުމުގެ މަސައްކަތާއި، އެކި އިމްތިޙާނުތަކުގެ ސެޓުފިކެޓާއި، ސަނަދުތައް އިނގިރޭސި ބަހުންނާއި، ދިވެހިބަހުން ޓައިޕް ކުރެއްވުމުގެ މަސައްކަތްވެސް ޝާހިދާ ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ކުރައްވައިފައި ވެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބަޖެޓް ސެކްޝަންގެ ހުރިހާ މަސައްކަތަކާއި، ބިޑް އިވެލުއޭޝަންގެ މަސައްކަތާއި، ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތާއި، ސެޓުފިކެޓު ތަރުޖަމާ ކުރުމުގެ އިދާރީ މަސައްކަތާއި، އެޓެސްޓް ކުރުމާއި، ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނާއި، ޖީ.ސީ.އީ. އޭލެވެލް އިމްތިޙާނުގެ ސެންޓަރުތަކަށް ޕޭޕަރުތައް ހަވާލުކުރުމަށްޓަކައި ކުރާ ދަތުރުތަކާއި، އިންސްޕެކްޝަން ދަތުރުތައް، ޝާހިދާ ޢަލީ ކުރެއްވިއެވެ. އަދި އިމްތިޙާނުތަކުގެ މެޓީރިއަލްސް ނައްތައިލުމުގެ މަސައްކަތްވެސް ވަރަށް ފަރުވާތެރިކަމާއެކު ޝާހިދާ ޢަލީ ކުރެއްވިއެވެ. ކޯވިޑުގެ ޙާލަތުގައި ބޭއްވި ކޭމްބްރިޖް އޯލެވެލްއާއި، އޭލެވެލް އިމްތިޙާނު ބާއްވާ ހޯލު ތައްޔާރުކުރުމާއި، ސުވާލު ކަރުދާސްތައް ހޯލުތަކަށް ގެންދިޔުމާއި، ކޯވިޑަށް ޕޮޒިޓިވްވި ކެންޑިޑޭޓުންނާއި، ކަރަންޓީނުވި ކެންޑިޑޭޓުން ހޯލުތަކަށް ގެންގޮސްދެއްވުމާއި، އެނބުރި ގެޔަށް ގެންދިޔުމުގެ މަސައްކަތް އިޚުލާޞްތެރިކަމާއެކު ޝާހިދާ ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޝާހިދާ ޢަލީ ވަނީ، ޑީ.ޕީ.އީ. އިން ބާއްވާ އިމްތިޙާނާ ގުޅޭ އެކި ކަންކަމުގައި މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް، ކަންކަން ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ކަންކަން ކޮށްދެއްވުމުގައި ނަމޫނާ ދައްކަވައިފައެވެ.

ޝާހިދާ ޢަލީއަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް އޮފީސް މާޙައުލަށް އަހުލުވެރިކުރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ޤައުމީ ޚިދުމަތުގެ މި މަސައްކަތް ކުރެއްވިއިރު، ޝާހިދާ ފާހަގަކުރެވިފައި ވަނީ، ހާޒިރީއަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ. ޝާހިދާ ޢަލީއަކީ 1989 ސެޕްޓެންބަރު 1 ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އުފެދުމާ ގުޅިގެން އެ ޑިޕާޓްމަންޓްގެ ވަޒީފާއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.