އަލްފާޟިލާ ޝަފީޤާ އިދުރީސް
ޖުވެލް ދ. ކުޑަހުވަދޫ

ޝަފީޤާ އިދުރީސް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1983 ގައި މާއެނބޫދޫ މަދްރަސަތުލް ޖަލާއުގައި މުދައްރިސެއްގެ މަގާމުގައެވެ. މަދްރަސަތުލް ޖަލާއުގެ ނަން މާއެނބޫދޫ ސްކޫލަށް ބަދަލުވުމަށްފަހު، ޚިދުމަތް ކުރައްވަމުން ގެންދެވީ އެ މަދަރުސާގައެވެ. އެ މަދަރުސާގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުން ޚިދުމަތް ކުރެއްވުމަށްފަހު، 1 ޖަނަވަރީ 2006 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުގެ މަގާމަށް ބަދަލުވެވަޑައިގެން، ސަރުކާރުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޚިދުމަތް ކުރެއްވީ އެ މަރުކަޒުގައެވެ. ޝަފީޤާ އިދުރީސް ވަނީ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރެޖުއޭޓް ޓީޗަރު ކަމުގެ މަގާމާއި، ޓީޗަރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ވަގުތީގޮތުން ސްކޫލް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް އުފުއްލަވައިފައި ވެއެވެ.

ޝަފީޤާ އިދުރީސް، މުދައްރިސް ކަމުގެ ވަޒީފާ އަދާކުރެއްވިއިރު، އެންމެ ފުރަތަމަ ޓާރމް ޓެސްޓް ދެއްވީ، ބްލެކް ބޯޑުގައި ޗޯކުން އަތުން ލިޔުއްވައިގެންނެވެ. އޭގެފަހުގައި، ޓެސްޓް ޕޭޕަރުތަކާއި ކުދިންނަށް ބޭނުންވާ އެހެނިހެން ލިޔުންތައް ސްޓެންސިލްގައި ލިޔުއްވައި ޗާޕު ކުރައްވައިގެންނެވެ. ސްޓެންސިލްގައި ލިޔުއްވުމުގެ މަސައްކަތަކީ، ވަރަށް ފަރުވާތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ. ޝަފީޤާއަކީ ރީތިކޮށް އަތުން ލިޔުއްވާ ބޭފުޅަކަށް ވުމުން، ވަރަށް ގިނަ މުދައްރިސުންނަށް އެހީތެރިވެދެއްވުމުގެ ގޮތުން ސްޓެންސިލްގައި ލިޔުއްވައި ދެއްވިއެވެ. މީގެއިތުރުން، ސްކޫލްގެ ފަރާތުން މިނިސްޓްރީތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތައްވެސް، ވެރިންގެ އެދިވަޑައިގަތުމަށް ލިޔުއްވައި ދެއްވިއެވެ.

ސަރުކާރުން ކަނޑައަޅުއްވައިފައިވާ ބޮންޑުގެ ދަށުން ފުރަތަމަ އަހަރު ވަޒީފާ އަދާކުރެއްވީ، މާއެނބޫދޫ މަދަރުސާގައެވެ. ވަޒީފާގެ މުޅި ޙަޔާތް ހޭދަކުރެއްވީ، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި، ކުދިންނަށް އުނގަންނައިދެއްވުމުގައްޔާއި، އެ ކުދިން ތަރުބިއްޔަތު ކުރެއްވުމުގައެވެ. އުނގަންނައިދެއްވުމުގެ މަސައްކަތުގެ އިތުރުން، ދަރިވަރުންނަށް ހިންގޭ އިތުރު ހަރަކާތްތަކުގައިވެސް ޝަފީޤާ އިދުރީސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ހައުސްތައް ހިންގެވުމާއި، ސްކޫލްގައި އޮންނަ އެހެނިހެން ކުލަބުތައް ހިންގެވުމުގައިވެސް ޝަފީޤާ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ޝަފީޤާ އިދުރީހަކީ، ކިޔަވައިދެއްވުން އިތުރަށް ތަރައްޤީ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މުދައްރިސް ކަމުގެ ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރު ހުރިހާ މާއްދާއެއް ކިޔަވައިދެއްވިއެވެ. ފަހުގެ އަހަރުތަކުގައި ކިޔަވައިދެއްވީ، ޕްރައިމަރީ ގްރޭޑްތަކަށް ހަމައެކަނި ދިވެހި މާއްދާއެވެ. މިގޮތުން ލިބިވަޑައިގެންނެވި ފުރުޞަތުގެ ބޭނުންކުރައްވައިގެން، ދިވެހިބަސް ކިޔަވައިދެއްވުމުގެ ރޮނގުން ޝަފީޤާ ވަނީ ޑިޕްލޯމާއާއި، ފުރަތަމަ ޑިގްރީ ހާސިލު ކުރައްވައިފައެވެ.

ޝަފީޤާ އިދުރީހަކީ، ވަގުތަށް ކަމޭހިއްތެވުމުގައި ނަމޫނާ މުދައްރިސެކެވެ. އަދި ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރު ދުވަހުގެ ތެރޭގައި، ހާޒިރީއަށް ފަރުވާތެރި މުދައްރިސެކެވެ. ވަކި ތާރީޚަކަށް ނިންމަން ހަވާލުކުރައްވާ މަސައްކަތެއް، އެ ތާރީޚެއްގެ ކުރިން ނިންމަވައި ހަވާލުކުރައްވައިފައިވާކަމީ، މިކަމުގެ ހެތްކެކެވެ. އެތައް ސަތޭކަ ދަރިވަރުންނަކަށް އުނގަންނައިދެއްވައިފައިވާ ޝަފީޤާ އިދުރީހަކީ، ޝަފީޤާ އުނގަންނައިދެއްވި ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާއި، މުޅި ކުޑަހުވަދޫގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެކެވެ.