އަލްފާޟިލް އަޙްމަދު މޫސާ
މުރަކަ ދ. ބަނޑިދޫ

އަޙްމަދު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދ.ބަނޑިދޫ ކޯޓުގެ ކާތިބު ކަމުގެ ވަޒީފާގައި، 28 އެޕްރީލް 1982 ގައެވެ. އަޙްމަދު މޫސާ، ބަނޑިދޫ ކޯޓުގައި ޚިދުމަތް ކުރެއްވި 19 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ކޯޓުގެ ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި އަދި އެސިސްޓެންޓް ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. އަޙްމަދު މޫސާ، ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރު، ޝަރީޢަތުގައި ނަގާ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ލިޔުންތައް ލިޔުއްވަމުން ގެންދެވީ އަތުން ލިޔުއްވައިގެންނެވެ. ފަހުން ތާނަ ޓައިޕްރައިޓަރ ލިބުމުން، ކޯޓުން ފޮނުވަންޖެހޭ ސިޓީފަދަ ލިޔުންތައް ޓައިޕްކުރެއްވުމުގެ މަސައްކަތްވެސް އަޙްމަދު މޫސާ ކުރައްވައިފައި ވެއެވެ.

އަޙްމަދު މޫސާގެ އިތުރުން، އޭރު ކޯޓުގައި ވަޒީފާ އަދާކުރަމުންގެންދާ މަސައްކަތުމީހާ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި، މަސައްކަތުމީހާގެ ވާޖިބު އަދާކުރައްވަނީވެސް އަޙްމަދު މޫސާއެވެ.

އަޙްމަދު މޫސާ، 10 ފެބުރުވަރީ 2002 ގައި ބަނޑިދޫ ކުޑަކަތީބު ކަމަށް ބަދަލުވެވަޑައިގެން، އެ މަގާމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށް އެ ދުވަސްވަރު ކުރި މަސައްކަތްތައް ރާއްވަވައި ހިންގެވުމުގެ އިތުރުން، ޢަމަލީގޮތުން އެ މަސައްކަތްތައް ކުރެއްވުމުގައި އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

13 އޮކްޓޫބަރު 2010 ގައި ބަނޑިދޫ ކަތީބު ކަމުގެ މަގާމަށް އަޙްމަދު މޫސާ ހަމަޖެއްސެވިއެވެ. ކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން، ބަނޑިދޫގެ ތަރައްޤީއަށް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބަނޑިދޫ ސްކޫލްގައި ގްރޭޑް 8 އުފެއްދުމަށް ކުރި މަސައްކަތްތަކުގައްޔާއި، ބަނޑިދޫގައި ކަރަންޓް ކޭބަލް ނެޓްވަރކް އެޅުމާއި، އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތްތަކުގައްޔާއި، ރައްޔިތުންގެ މަލަ އިމާރާތް ކުރުމުގެ މަސައްކަތްތަކުގައްޔާއި، އަންހެނުންގެ ބޭސްފިހާރަ އިމާރާތް ކުރުމުގެ މަސައްކަތްތަކުގައި އަޙްމަދު މޫސާ ބައިވެރިވެވަޑައިގެންފައި ވެއެވެ. މިހާރުވެސް އަޙްމަދު މޫސާ ގެންދަވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކަންކަމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އޭގެފަހުން ރަށު އޮފީސްތައް، ރަށު ކައުންސިލްތަކަށް ބަދަލުވުމާ ގުޅިގެން، ކައުންސިލަރުން ރަށުއޮފީސްތައް ހިންގެވުމާ ހަވާލުވެވަޑައިގަތުމާ ހަމަޔަށް ބަނޑިދޫގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި އަޙްމަދު މޫސާ ދެމިހުންނެވިއެވެ. އެގޮތުން، ހަތަރުވަނައަށް އިންތިޚާބު ކުރެވުނު ރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމަށް ހަމަޖެހުމާ ހަމަޔަށް، ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުވެސް އަޙްމަދު މޫސާ ވަނީ އަދާކުރައްވައިފައެވެ.

ރަށު ކައުންސިލްތައް އުފެދުމާ ގުޅިގެން، ރަށް ކުރިއަރުވާ ކޮމިޓީތައް އުވާލުމާ ހަމައަށް، ބަނޑިދޫ ރަށް ކުރިއަރުވާ ކޮމިޓީގައި އަޙްމަދު މޫސާ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރަށްކުރިއަރުވާ ކޮމިޓީގެ ރައީސް ކަމާއި، ނައިބު ރައީސް ކަމާއި، ސެކްރެޓެރީކަންވެސް އަޙްމަދު މޫސާ ކުރެއްވިއެވެ. މި މަގާމުތަކުގައި ހުންނަވައިގެން، ބަނޑިދޫގެ ތަރައްޤީއަށްޓަކައި އަޙްމަދު މޫސާ ކޮށްދެއްވައިފައިވާ ކަންތައްތައްވެސް ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، ދ. އަތޮޅު ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް އަޙްމަދު މޫސާ ވަނީ ޚިދުމަތް ކުރައްވައިފައެވެ.

އަޙްމަދު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.