އަލްފާޟިލް މުޙައްމަދު ވަޙީދު
ނައިޓްސްޓާރ ކ. ގުރައިދޫ

މުޙައްމަދު ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ފެބުރުވަރީ 1983 ގައެވެ. އޭގެފަހުން 13 ޖަނަވަރީ 1986 ގައި ކ. ގުރައިދޫ ކޯޓަށް ބަދަލުވެވަޑައިގަތުމަށްފަހު، މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުގައެވެ.

ދިވެހި ދައުލަތުގެ ޚިދުމަތުގައި މުޙައްމަދު ވަޙީދު ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ކ. އަތޮޅު އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ކ. ގުރައިދޫ ކޯޓުގެ 2 ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި އެ މުއްދަތުގައި މުޙައްމަދު ވަޙީދު ފާހަގަކުރެވިފައި ވަނީ، ވަޒީފާ އަދާކުރެއްވުމުގައި އިޚުލާޞްތެރި، ގަޑިއަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ.

ގުރައިދޫ ކޯޓުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވުމަށްފަހު، ކޯޓުގެ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުފަދަ ލިޔުންތައް، މުޙައްމަދު ވަޙީދު ފަރުވާތެރިކަމާއެކު ރީތިކޮށް އަތުން ލިޔުއްވައިފައި ވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ހައްދަވައިގެން، އަމިއްލަފުޅަށް ގޭގެޔަށް ވަޑައިގެން، ޗިޓު ރައްދުކުރުންފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުންފަދަ މަސައްކަތްތައްވެސް މުޙައްމަދު ވަޙީދު ކުރައްވަމުން ގެންދަވައެވެ. ހަމަ އެއާއެކު، ރަށަށް ޒިޔާރަތްކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް މުޙައްމަދު ވަޙީދު ކުރެއްވިއިރު، މައްސަލައެއް ޖެހިގެން ސުވާލެއް ކުރައްވައި، ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

މުޙައްމަދު ވަޙީދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ކޯޓުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، ކައިރި ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައި، މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން ކޯޓަށް އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް، ކަންކަން ކުރަންވީގޮތާއި، ކަންކަން ހިންގަމުންގެންދާ ގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.

މުޙައްމަދު ވަޙީދު، ގުރައިދޫ ކޯޓުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ރަށުއޮފީހުގެ އިމާރާތާއެކު ކޯޓު ހިންގަމުން ގެންދިޔަ ތަނަކަށްވުމުން، ކ. ގުރައިދޫ ރަށުއޮފީސް ހިންގެވުމާ އެއިރަކު ހަވާލުވެވަޑައިގެން ތިއްބެވި ވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. އަދި ރަށުއޮފީހުގެ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި އެހީތެރިވެވަޑައިގެން ދެއްވައި، ވެރިން މަޝްވަރާއާއި ލަފައަށް އެދިވަޑައިގަންނަވާ ކަންކަމުގައި ލަފާ ދެއްވައިފައި ވެއެވެ.

މުޙައްމަދު ވަޙީދަކީ، 1987ން 2008ގެ ނިޔަލަށް ކ. ގުރައިދޫ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރު ކަމާއި ސެކްރެޓެރީކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، މުޙައްމަދު ވަޙީދު ވަނީ ރައްޔިތުންގެ އިންޖީނުގޭގެ ހިސާބުތައް ހިލޭސާބަހަށް ބަލަހައްޓަވައި، ރަށުގައި ހުރި ދެ މަދަރުސާގައްޔާއި، އަސާސީ ތަޢުލީމުގެ ކުލާސްތަކުގައި ކިޔަވައިދެއްވައިފައެވެ. އަދި އަމިއްލަފުޅަށް އަމިއްލަ ގޭގައި ޓިއުޝަން ކުލާހަކާއި، ޕްރީސްކޫލެއް ރަޖިސްޓަރީކޮށްގެން ހިންގަވައިފައި ވެއެވެ.