އަލްފާޟިލް ޝަފީޤް މުޙައްމަދު
ހަލަވެލި އދ. މަހިބަދޫ

ޝަފީޤް މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އ. އަތޮޅު ހެލްތު ސެންޓަރުގެ މަސައްކަތު މީހެއްގެ މަގާމުގައި 3 އެޕްރީލް 1982 ގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އދ. އަތޮޅު ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އ. އަތޮޅު ހެލްތު ސެންޓަރުގެ މަސައްކަތު މީހެއްގެ މަގާމާއި، ކާތިބު ކަމާއި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އދ. އަތޮޅު ހޮސްޕިޓަލްގެ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޝަފީޤް މުޙައްމަދު ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ގަވާއިދުތަކުގެ ޑްރާފްޓް އެކުލަވައިލުމަށްޓަކައި އޮފީހުގައި އޭރު ޤާއިމުކުރެވުނު ކޮމިޓީގެ މަސައްކަތް ރާއްވަވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކު، އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރަސްމީ ގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވައި ލެއްޕުމާއި، މުވައްޒަފުންގެ ރަޖިސްޓަރީތައް ބެލެހެއްޓެވުމާއި، މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓެވުމާއި، މީގެއިތުރުންވެސް، އިދާރީގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. ހަމަ އެއާއެކު، އަތޮޅުތެރޭގެ ޞިއްޙީ ކަންކަން ހުރިނެތްގޮތް ބެއްލެވުމުގެ ގޮތުން ކުރަންޖެހޭ ދަތުރުތައް ހަމަޖެއްސެވުމާއި، އެފަދަ ދަތުރުތަކުގައި ބައިވެރިވެވަޑައިގެން، ރިޕޯޓް ތައްޔާރުކުރެއްވުމުގެ އިތުރުން، ޞިއްޙީ މަރުކަޒުތައް ސުޕަވައިޒް ކުރުން ފަދަ މަސައްކަތްތައް، ޝަފީޤް މުޙައްމަދުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރައްވައިފައި ވެއެވެ. އަދި ހޮސްޕިޓަލްގެ ފަރާތުން ބޭއްވި ޚާއްޞަ ޙަފުލާތަކާއި، މިނޫންވެސް އެކިއެކި ކަންކަމުގައި ޝަފީޤް މުޙައްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޝަފީޤް މުޙައްމަދު ފާހަގަކުރެވިފައި ވަނީ، ހޮސްޕިޓަލްގައި ކުރަންޖެހުނު މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، ވަރަށް ފަރުވާތެރިކަމާއެކު ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައި ނިންމަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. ހަމަ އެއާއެކު، ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ވަރަށް ބޮޑަށް ކަމޭހިއްތަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

ޝަފީޤް މުޙައްމަދަކީ، ހާޒިރީއަށް ވަރަށް ފަރުވާ ބެހެއްޓެވި ބޭފުޅެކެވެ. ވަޒީފާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސްއިރަކު ގަޑިޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޝަފީޤް މުޙައްމަދު އަދާކުރެއްވި ކޮންމެ ވަޒީފާއެއްވެސް އަދާކުރައްވައިފައި ވަނީ، އިޚުލާޞްތެރިކަމާއި ހީވާގިކަމާއި ޝައުޤުވެރިކަމާއެކު، އެ ވަޒީފާއެއް އަދާކުރައްވާހިތްޕުޅުން ކަމަށްކަމޭހިއްތަވައިގެންނެވެ. ޝަފީޤް މުޙައްމަދު، ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ 12 ސެޕްޓެންބަރު 2022 ގައެވެ.