އަލްފާޟިލް މުޙައްމަދު ރަޝީދު
ހުޅުމާލެ. ފްލެޓް ނަންބަރު 04-ޖީ-113

މުޙައްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރޭޑިއޯ މޯލްޑިވްސްގެ މަސައްކަތު މީހެއްގެ ވަޒީފާގައި 29 ޖަނަވަރީ 1977 ގައެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އެސިސްޓެންޓް ކޯޑިނޭޓަރ ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އައިޑެންޓިޓީ ކާޑު ޔުނިޓުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

މުޙައްމަދު ރަޝީދު ވަޒީފާ އަދާކުރެއްވިއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ތައްޔާރުކުރަނީ އަތުން ލިޔެގެންނެވެ. މިގޮތުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮމްޕިއުޓަރައިޒް ކުރަންދެން، އައި.ޑީ. ކާޑު، އަތުން ލިޔާ ޚާއްޞަ ޓީމުގައި މުޙައްމަދު ރަޝީދު ހިމެނިވަޑައިގެންނެވިއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އަތޮޅުތަކަށް ކުރި ދަތުރުތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އައި.ޑީ. ކާޑު ހައްދަވައި ދެއްވުމަށް ކުރެއްވި ތާރީޚީ ދަތުރުތަކެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އިކުއިޕްމަންޓް މެއިންޓެނަންސްގެ ކަންކަން ބެލެހެއްޓެވުމާއި، މަސައްކަތު މީހުންގެ ކަންކަން ބެލެހެއްޓެވުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް މުޙައްމަދު ރަޝީދު ކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، މުޙައްމަދު ރަޝީދު ފާހަގަކޮށްލެވެނީ، ހާޒިރީއަށް ފަރުވާތެރި، އޮފީހުގެ ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

މުޙައްމަދު ރަޝީދަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަވައިދެއްވުމުގައި ޚާއްޞަ ދައުރެއް އަދާކުރައްވައިފައިވާ، ވަރަށް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރެއްވި، ނަމޫނާ މުވައްޒަފެކެވެ.