އަލްފާޟިލް ޢުޘްމާން ޙަސަން
މުލަ ށ. ކޮމަންޑޫ

ޢުޘްމާން ޙަސަން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1983 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ މަދަރުސާ މަކުތަބުތަކުގެ މުދައްރިސެއްގެ ވަޒީފާއިންނެވެ. ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ،
26 ޖަނަވަރީ 1983 ގައެވެ. އެ މަރުކަޒުގައި ޚިދުމަތް ކުރެއްވުމުގައި ހޭދަކުރެއްވި 31 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ މަރުކަޒުގެ ޕްރައިމަރީ ޓީޗަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި، ހެޑްމާސްޓަރު ކަމާއި އަދި ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމު، ޢުޘްމާން ޙަސަން ފުރުއްވިއެވެ.

ޢުޘްމާން ޙަސަން، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތް ކުރެއްވިއިރު، އިދާރީގޮތުން މަރުކަޒު ހިންގެވުމާއި، ކިޔަވައިދެއްވުމާއި، މުދަލާއި ފައިސާ ބެލެހެއްޓެވުމާއި، ސްކޫލްގެ އެކްސްޓްރާ ކޯ ކަރިކިއުލަރ އެކްވިޓީޒްތައް ރާއްވަވައި ހިންގެވުމުގެ އިތުރުން، ދަރިވަރުންގެ އަޚްލާޤާއި ސުލޫކު ހިފެހެއްޓެވުމަށް ޢަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުން، ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރެވޭ އެންމެހައި މަސައްކަތްތައް ރާއްވަވައިގެން ކުރިއަށް ގެންދަވައި، ޕީ.ޓީ.އޭ. ހިންގަވައި، ސްކޫލްގައި އުފެދިފައިވާ ކުލަބުތަކާއި ޖަމުޢިއްޔާތަކުގެ ކަންތައްތައް ބަލަހައްޓަވައިފައި ވެއެވެ. އަދި ރަށުގެ ކޮމިއުނިޓީއާ ގުޅިގެން އިޖުތިމާޢީ މަސައްކަތްތައް ރާއްވަވައި ހިންގަވައި، އެކިއެކި މުއައްސަސާތަކާއި ޖަމުޢިއްޔާތައް ގުޅިގެން ސްކޫލް ހިންގުމުގެ ތަފާތު ހަރަކާތްތައް ރާއްވަވައި ކުރިއަށް ގެންދަވައިފައި ވެއެވެ.

ށ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތައް ހިންގުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ށ. އަތޮޅު ތަޢުލީމީ މަރުކަޒާ ހަވާލުކުރެއްވުމާ ގުޅިގެން ޢުޘްމާން ޙަސަނަކީ، އެ ސްކޫލްތަކުގެ އިދާރީ ހިންގުމާއި، ފައިސާ ބެލެހެއްޓެވުމާއި، ސްކޫލްތައް ހިންގެވުމުގެ މަސައްކަތްތައް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ސްކޫލް އިމާރާތް ކުރުމާއި، ބެލެހެއްޓެވުމާއި، ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތަކާއި، މުދައްރިސުންނާއި ބެލެނިވެރިންގެ ކުރިއެރުމަށް ތަފާތު ތަމްރީނު ޕުރޮގުރާމުތައް، ޢުޘްމާން އިސްވެ ހުންނަވައި ހިންގަވައި ދެއްވައިފައި ވެއެވެ.

ޢުޘްމާން ޙަސަނަކީ، ށ. އަތޮޅު ތަޢުލީމީ މަރުކަޒަށް ގިނަ އައު ޚިދުމަތްތައް ތަޢާރުފުކޮށްދެއްވުމުގައިވެސް ޢަމަލީގޮތުން މަސައްކަތް ކޮށްދެއްވައި، އެކަމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން، ރަށުގެ ކޮމިއުނިޓީއާ ގުޅިވަޑައިގެން، މަރުކަޒުގައި އަލަށް ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ ޤާއިމުކުރެއްވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި ޓީޗަރ ރިސޯސް ސެންޓަރ (ޓީ.އާރު.ސީ.) ޤާއިމުކުރެއްވުމުގައިވެސް ޢުޘްމާން، އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

31 އަހަރަށްވުރެ ދިގު މުއްދަތެއްގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތް ކުރެއްވުމަށްފަހު، ޢުޘްމާން ޙަސަން، ސަރުކާރުގެ އެހެން ވަޒީފާއަކަށް މާލެއަށް ބަދަލުވެވަޑައިގެން، 12 ޖޫން 2013ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. އެ ތާރީޚުން ފެށިގެން މިއަދާ ހަމަޔަށްވެސް ޢުޘްމާން ޙަސަން ހުންނެވީ، އެ އޮތޯރިޓީގެ ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ. މިގޮތުން، އިދާރީ މަސައްކަތްތަކާއި، ޕްރޮކިއުމަންޓްގެ މަސައްކަތާއި އަދި ބަޖެޓާބެހޭ އެންމެހައި ކަންކަން، ޢުޘްމާން ބަލަހައްޓަވަމުން ގެންދަވައެވެ.

ޢުޘްމާން ޙަސަން، އެ އޮތޯރިޓީގައި ޚިދުމަތް ކުރެއްވުމުގެ ތެރެއިން ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަޙައްދުގައި ހިނގާ އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި ހަރަކާތްތެރިވެވަޑައިގަތުމާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގައި ހަރަކާތްތެރިވެވަޑައިގަތުމާއި، އިމަރޖެންސީ އޮޕަރޭޝަންސުން ހިންގާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑުގެ ޢާލަމީ ވަބާއާ ގުޅިގެން އަޅަންޖެހުނު ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ގޮތުން ދަރުބާރުގޭގައި ޤާއިމުކުރެވުނު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ތައްޔާރުކުރުމުގެ މަސައްކަތުގައި ޢުޘްމާން ޙަސަން އުޅުއްވައިފައި ވެއެވެ. މީގެއިތުރުން، ކަރަންޓީން ފެސިލިޓީޒްތައް ޤާއިމުކުރައްވައި، އިންތިޒާމުތައް ހަމަޖެއްސުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ކޯވިޑް-19 އާ ގުޅިގެން، އެ އޮތޯރިޓީން އިސްނަގައިގެން ހިންގި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސްގެ މަސައްކަތްތަކުގައްޔާއި، އެ އޮތޯރިޓީގެ ވެރިންގެ އިރުޝާދުގެ މަތިން ކުރެވުނު ގިނަގުނަ މަސައްކަތްތަކުގައިވެސް ޢުޘްމާން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައްޔާއި، އިދާރީގޮތުން ކުރަންޖެހުނު މަސައްކަތްތަކުގައި މުހިންމު ދައުރެއް ޢުޘްމާން އަދާކުރެއްވިއެވެ. އަދި ފައިސާއާބެހޭ ކަންކަމާއި، ތަކެތި ހޯއްދެވުމާއި، ތަންތަނަށް ތަކެތި ފޮނުއްވުމާއި، ތަންތަނަށް ތަކެތި ފޯރުކޮށްދެއްވުމުގެ ކަންކަމުގައިވެސް އިސްބޭފުޅެއްގެ ގޮތުން ހުންނެވީ، ޢުޘްމާންކަން ފާހަގަކޮށްލަންޖެހެއެވެ.