އަލްފާޟިލް ޢަބްދުﷲ އިބްރާހީމް
ގުލްޒާރުގެ ޅ. ނައިފަރު

ޢަބްދުﷲ އިބްރާހީމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 22 ނޮވެންބަރު 1982 ގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ކޭން މޭކިންގ ޕްލާންޓްގެ ސުޕަވައިޒަރު ކަމާއި، ހެޑް ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް މެނޭޖަރު ކަމާއި، އޮޕަރޭޝަންސް އެސިސްޓެންޓް މެނޭޖަރު ކަމާއި، ވާރކްސް ޔުނިޓް، ހައުސިންގ ޔުނިޓް، ލޭބަރ ޕޫލް، ވެހިކަލް މެނޭޖްމަންޓް އަދި ފިޝްރޫމްގެ އެސިސްޓެންޓް މެނޭޖަރު ކަމުގެ މަގާމު ހިމެނެއެވެ. އަދި އެކިފަހަރު މަތިން ފެލިވަރުގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. ޢަބްދުﷲ އިބްރާހީމް މިހާރު ހުންނެވީ، ކޯލްޑް ސްޓޯރޭޖްގެ ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމުގައެވެ.

ޢަބްދުﷲ އިބްރާހީމް ފުރަތަމަ ޚިދުމަތް ކުރައްވަމުން ގެންދެވީ، ކޭނަރީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެންނެވެ. ކޭނަރީގައި މަސައްކަތް ކުރެއްވިއިރު، އެ ތަނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހޯދުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެފަހުން، ކޭން މޭކިންގ ޕްލާންޓްގެ ސުޕަވައިޒަރުގެ ވަޒީފާގައި ހުންނަވައިގެން، ކޭން މޭކިންގ ޕްލާންޓްގެ މަސައްކަތްތައް ސުޕަވައިޒް ކުރެއްވުމުގެ އިތުރުން، ތަނުގެ ލިޔެކިޔުންތައް އަމިއްލަފުޅަށް ބަލަހައްޓަވައި، މެޝިންތައް އޮޕަރޭޓް ކުރުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. ކޭނަރީގައި ބޭނުންކުރާ ދަޅާއި ދަޅުގެ މަތި އުފެއްދުމަށް ބޭނުންވާ ޝީޓާއި، މަސައްކަތަށް ބޭނުންވާނޭ ހުރިހާ ތަކެއްޗަކަށް އޯޑަރު ކުރައްވައި، ފެލިވަރާއި ތަނުގެ އޮޕަރޭޝަންސް ނުހުއްޓި ކުރިއަށް ގެންދެވޭނެ މަގުތައް ތަނަވަސްކޮށްދެއްވުމުގައި، ޢަބްދުﷲ އިބްރާހީމް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި ހުންނަވައިގެން، ފިޝްރޫމްގައި މަސައްކަތް ކުރެއްވިއިރު، ފެލިވަރުގައި އުފައްދާ އުފެއްދުންތައް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި ޢަބްދުﷲ އިބްރާހީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އަމިއްލަ ވިސްނުމާއި ފިކުރު ބޭނުންކުރައްވައިގެން، އޮމާންކަމާއެކު މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އިސް ދައުރެއް އަދާކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޢަބްދުﷲ އިބްރާހީމް، ފެލިވަރު އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، އޭރު މިފްކޯއިން އަމިއްލަ ފަރާތްތަކުގެ ދޯނިފަހަރު މަހަށް ފުރުވައިގެން ލިބޭ ނަތީޖާ ބެލުމަށް ހިންގެވި ޚާއްޞަ ޕުރޮގުރާމް "ޕޯލް އެންޑް ލައިން" ހިންގެވުމުގެ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރައްވައި، އެ މަސައްކަތުން ލިބިފައިވާ ނަތީޖާތަކުގެ ރެކޯޑުތައް ބަލަހައްޓަވައި، އަދި ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނައުމަށް ލޯންގލައިން މަސްވެރިކަމުގެ މަސައްކަތް ފެށުމުގައި، އެ ޕްރޮޖެކްޓް ހިންގެވި އިސް މޭސްތިރިއެއްގެ ގޮތުގައި ކުރައްވައިފައިވާ މިންނެތް މަސައްކަތް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، ކޯވިޑް ބަލީގެ ނުރައްކަލުގެ ތެރޭގައި، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުން، އެ ބަލިން ރައްކާތެރި ކުރުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެން، އެކަމާ ގުޅިގެން ހިންގަންޖެހުނު ހުރިހާ ކަމެއްގައި ވަރަށް ކެތްތެރިކަމާއެކު މަސައްކަތް ކުރައްވައި، ހުރިހާ މުވައްޒަފުން އެ ބަލިން ދިފާޢުވުމަށް އެކިއެކި ޕުރޮގުރާމުތައް ހިންގަވައި، އެ މަސައްކަތް ކާމިޔާބު ކުރައްވައިފައިވާކަން ފާހަގަކުރެވެއެވެ.

ޢަބްދުﷲ އިބްރާހީމް އަބަދުވެސް މަސްވެރިންނާ ގާތުން މަސައްކަތް ކުރައްވައި، މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވައި، މަޑުމައިތިރިކަމާއެކު މަސްވެރިންނާ މުޢާމަލާތު ކުރައްވައި، ފެލިވަރަށް ބޭނުންވާ މަސްގަނެ، ރައްކާކުރުމުގެ މަސައްކަތް ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މަސައްކަތަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރައްވައި، ތަނުގެ ހިންގުން ހަރުދަނާ ކުރުމުގައި ވަރަށް އިޚުލާޞްތެރިކަމާއެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.