އަލްފާޟިލް ޢީސާ ޚަލީލް
ނޫއަލި ޅ. ހިންނަވަރު

ޢީސާ ޚަލީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1982 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ، ދަޅުގައި މަސް ބަންދުކުރާ ފެލިވަރު ކާރުޚާނާގެ ޕަވަރހައުސްގައެވެ. 3 ޖަނަވަރީ 2023 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ފެލިވަރު ވާރކްޝޮޕްގެ އިންޖިނިއަރެއްގެ މަގާމުގައެވެ. ފެލިވަރުގައި ވަޒީފާ އަދާކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ފެލިވަރުގެ އެކި ސެކްޝަންތަކުގައި އެކި މަގާމުތައް ފުރުއްވައިފައި ވެއެވެ. އެގޮތުން، ފިޝްމީލްގެ އެސިސްޓެންޓް މެނޭޖަރު ކަމާއި، މެކޭނިކަލް ވާރކްސްގެ އެސިސްޓެންޓް އިންޖިނިއަރުކަން ކުރައްވައިފައި ވެއެވެ.

ފެލިވަރުގައި ވަޒީފާ އަދާކުރެއްވިއިރު، ޢީސާ ޚަލީލާ ހަވާލުކުރެއްވި ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރައްވައިފައި ވެއެވެ. އެ ވަގުތަކު ހަވާލުވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދެވި ސެކްޝަނެއްގެ މެޝިނަރީއެއް ހަލާކުވެއްޖެނަމަ، އެ މެޝިނަރީއެއް މަރާމާތު ކުރެއްވުމުގެ މަސައްކަތް ކުރައްވަނީވެސް ޢީސާ ޚަލީލެވެ. އަދި މަސައްކަތް ކުރުމުގައި ބޭނުންކުރެވޭ ޓޫލްސްއެއް މަދުވެ، ފެލިވަރުން ނުވަތަ ކައިރި ރަށަކުން ނުލިބިއްޖެ ހިނދެއްގައި، މާލެއަށް ދަތުރުކުރައްވައިގެންވެސް މަދުވާ އެއްޗެއް ހޯއްދަވައިގެން މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތީން އިންތިޒާމުތައް ހަމަޖައްސަވައި ދެއްވަމުން ގެންދެވިއެވެ.

ޢީސާ ޚަލީލް މަސައްކަތް ކުރައްވަން ފެށްޓެވީ، ސަރުކާރުން ފެލިވަރު ކާރުޚާނާ ހިންގަވަން ފެށްޓެވި ދުވަސްވަރުއެވެ. އެ ދުވަސްވަރު ޤައުމުގެ އިސްވެރިން ފެލިވަރަށް ވަޑައިގެންނެވުމުން، ފެލިވަރުގެ އެކި ތަންތަނަށް ގެންދިޔުމުގައި ވެހިކަލް ޑްރައިވަރެއްގެ ގޮތުންވެސް ޚަލީލް މަސައްކަތް ކުރައްވައިފައި ވެއެވެ. އެއީ، އެ ދުވަސްވަރު އެތާނގައި ވަޒީފާ އަދާކުރާ މީހުންގެ ތެރޭގައި ވެހިކަލް ދުއްވަން އެނގޭ މީހުން މަދުވުމުންނެވެ.

ފެލިވަރުގައި ޢީސާ ޚަލީލް ވަޒީފާ އަދާކުރެއްވިއިރު، އެކިއެކި ތަމްރީނުތައްވެސް ފުރިހަމަކުރައްވައިފައި ވެއެވެ. އެގޮތުން، ޖަޕާނުގައި ފުރިހަމަކުރެއްވި ތަމްރީނުތައް ހިމެނެއެވެ. އެ ތަމްރީނުތައް ފުރިހަމަކުރެއްވުމަށްފަހު، ޢީސާ ޚަލީލްގެ ބެއްލެވުމުގެ ދަށުގައި މަސައްކަތް ކުރަމުންގެންދިޔަ މުވައްޒަފުންނަށްވެސް ކަމާގުޅޭ ތަމްރީނުތައް ދެއްވިއެވެ.