އަލްފާޟިލް އަޙްމަދު ޢަލީ
ގުލްބަކާގެ ސ. ހިތަދޫ

އަޙްމަދު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 22 މޭ 1982 ގައި ސ. ހިތަދޫ އޮފީހުގެ ކާތިބު ކަމުގެ ވަޒީފާއިންނެވެ. އަޙްމަދު ޢަލީ ވަނީ 11 މޭ 1985ން 2 އޮގަސްޓު 1992އަށް، ސަދަން ރީޖަނަލް އޮފީހުގެ 2 ނަންބަރު ކާތިބެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށްފަހު، ސ.އަތޮޅުއޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައެވެ. އޭގެފަހުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރުގެ މަގާމުވެސް އަދާކުރެއްވިއެވެ. 1 ޖޫން 2021ން ފެށިގެން އަޙްމަދު ޢަލީ އަދާކުރައްވަމުން ގެންދަވަނީ، އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، އަޙްމަދު ޢަލީ ފާހަގަކުރެވިފައި ވަނީ، މަސައްކަތަށް އިސްކަން ދެއްވައިގެން، ފަރުވާތެރިކަމާއި، ހީވާގިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. ހަމަ އެއާއެކު، މަސައްކަތުގެ މާޙައުލުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްލަމެވެ.

އަޙްމަދު ޢަލީ ވަނީ، މުއައްސަސާގެ ކުރިއެރުމަށްޓަކައި ފާހަގަކުރެވޭފަދަ ޚާއްޞަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ގަވާއިދުތަކުގެ ޑްރާފްޓް އެކުލަވައިލުމަށްޓަކައި އޮފީހުގައި ޤާއިމުކުރެވުނު ކޮމިޓީގެ މަސައްކަތް ރާއްވަވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އޮފީހުން އޭރު ހަވާލުކުރެއްވި މަސައްކަތެއްގެ ގޮތުން، އައްޑުއަތޮޅުގައި ދީނީގޮތުން ހުރި ކަންބޮޑުވުންތައް ޙައްލުކުރެއްވުމަށާއި، ދީނީ ކަންކަން ކުރިއެރުވުމަށާއި، ދީނީ ރޫޙު އާލާކުރުމަށް އެއިރަކު ހުންނަވާ އަތޮޅުވެރިޔާ ނުވަތަ މޭޔަރުގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް އަޙްމަދު ޢަލީ ކުރައްވައިފައި ވެއެވެ. އަދި މިއަދާ ހަމަޔަށްވެސް އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީގައި ކުރައްވާ އެންމެހައި ކަންކަމާއި، އެ މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތައް، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވަނީ، އަޙްމަދު ޢަލީކަން ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދު ޢަލީއަކީ އޮފީހުން ބާއްވާ ޙަފުލާތަކާއި އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން، 1982 ވަނަ އަހަރު ރަސްމީކޮށް ހިތަދޫ އޮފީހުގެ ކާތިބުކަން ލިބުމުގެ ކުރިންވެސް، ހައެއްކަ މަސްދުވަހު އެ އޮފީހުގެ ވަގުތީ ކާތިބުކަން ހިލޭސާބަހަށް ކުރައްވައިފައި ވެއެވެ. އަދި 1988 ވަނަ އަހަރު އުފެއްދެވި ސަރުކާރުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގެ މަސައްކަތުގައްޔާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި، އައްޑުއަތޮޅުގައި ހިލޭސާބަހަށް ހިންގި ހުރިހާ މަސައްކަތެއްގައިވެސް އަތޮޅުއޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ޢަމަލީގޮތުން އަޙްމަދު ޢަލީ ބައިވެރިވެވަޑައިގެން، މީހުންނާ ގުޅިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

އަޙްމަދު ޢަލީއަކީ އަބަދުވެސް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، ހަވާލުކުރެވޭ މަސައްކަތްތައް ވަގުތަށް ނިންމަވާ ބޭފުޅެކެވެ. އަދި މަސައްކަތުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، އެކުގައި މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުންނާ ގުޅިގެން، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ޚިދުމަތް ކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި، އަޙްމަދު ޢަލީ ފާހަގަކުރެވިފައި ވަނީ، ހާޒިރީއަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ.