އަލްފާޟިލާ މަމްދޫޙާ ޢަބްދުﷲ
މާހާ ނ. ހޮޅުދޫ

މަމްދޫޙާ ޢަބްދުﷲ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖޫން 1982 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ މަގާމުތަކެއް ފުރުއްވައިފައި ވެއެވެ. އޭގެތެރޭގައި، ކްލީނިންގ އެންޑް ޕެކިންގ ޔުނިޓުގެ ފޯމަން ކަމާއި، ކޭނަރީ ފްލޯރގެ ސުޕަވައިޒަރގެ މަގާމުގެ އިތުރުން، ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ލެބޯރެޓަރީގެ ސުޕަވައިޒަރ ގްރޭޑް 1 ކަމާއި، ސުޕަވައިޒަރ ގްރޭޑް 2 ކަމާއި، އަދި ސުޕަވައިޒަރ ގްރޭޑް 3 ގެ މަގާމު ހިމެނެއެވެ. މަމްދޫޙާ ޢަބްދުﷲ މިހާރު ހުންނެވީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައެވެ.

މަމްދޫޙާ ޢަބްދުﷲ އަކީ، މަގާމުގެ ހައިސިއްޔަތުން މަސައްކަތް ސުޕަވައިޒް ކުރެއްވުމުގެ އިތުރުން، ވަޒީފާގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަމިއްލައަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އަދި ފެލިވަރުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ. ހަމަ އެފަދައިން، ވަޒީފާ އަދާކުރުމުގައި މުވައްޒަފުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް މަމްދޫޙާ ކުރައްވައިފައި ވެއެވެ.

ފެލިވަރުގައި އުފައްދާ އެކި ބާވަތުގެ އުފެއްދުންތަކުގެ ކޮލިޓީ، އެއް ފެންވަރެއްގައި ހިފެހެއްޓެވުމަށާއި، އެކި ބާވަތްބާވަތުގެ އުފެއްދުންތައް މާކެޓަށް ނެރުއްވުމުގައިވެސް މަމްދޫޙާ ޢަމަލީގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

މަމްދޫޙާ ޢަބްދުﷲ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ފެލިވަރު ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ދިވެހިންނަށާއި، ބިދޭސީ މުވައްޒަފުންނަށް، ކަންކަން އޮޅުންފިލުއްވައިދެއްވަމުން ގެންދަވައެވެ. އަދި އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން، އޮފީހުގެ މަސައްކަތަށާއި، ކޮލިޓީ ކޮންޓްރޯލިންގގެ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށް މަސައްކަތް ކުރަންވާގޮތް ވިދާޅުވެދެއްވައި، އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ.

މަމްދޫޙާ ޢަބްދުﷲ މިފަދަ ވަޒީފާއެއްގައި ރަށުން ބޭރުގައި މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމީ، އަންހެން ބޭފުޅުންނަށް މަމްދޫޙާ ދައްކަވާ، ވަރަށް ހިތްވަރުގަދަ ނަމޫނާއެކެވެ. މަދުރަސީ ދައުރު ނިންމަވައިލެއްވުމަށްފަހު، މި ދާއިރާއަށް ވެދެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގެ ބޭނުން ވިސްނުންތެރިކަމާއެކު ވަރަށް ފުރިހަމައަށް މަމްދޫޙާ ހިއްޕަވައި، މިހާރު ކުންފުނީގެ މުހިންމު މަގާމަކާ ހަމައަށް ވަޑައިގެންނެވުނުކަން އެއީވެސް، މަމްދޫޙާ މަސައްކަތަށް ބަހައްޓަވާ ފަރުވާތެރިކަމާއި، އެކަމަށް ދެއްވާ ޚާއްޞަ އަހަންމިޔަތުކަމުގެ ހެއްކެއްވެސް މެއެވެ.